ހއ. ބާރަށުގައި އަލަށް ހަދަމުން އަންނަ މަގުތައް، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ސީދާކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރިއަށް ގެންދަން ފަށައިފިއެވެ.

މި މަސައްކަތާ ގުޅޭގޮތުން ބާރަށު ކައުންސިލުން ބުނީ، މިއީ ރަށުގެ މަގުތައް ތަރައްޤީކުރުމަށް ރޭވިފައިވާ ޕްލޭނާ އެއްގޮތަށް މަގުތަކުގެ ފުޅާމިނާއި ސީދާމިން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

Ad
rt

އެ ރަށުގައި އަލަށް ހަދާ މަގުތައް ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ތަރައްޤީކުރެވެމުންދާއިރު، މަގުތަކުގެ ފުޅާމިން އެއް މިންގަނޑެއްގައި ބެހެއްޓުމަށާއި ސީދާކަން ދެމެހެއްޓުމަށް ކައުންސިލުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.

މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންނަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އަދި ދެ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަށް ސިޓީ ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަން ބާރަށު ކައުންސިލުން ފާހަގަކުރެއެވެ.

މި އެހީތެރިކަމާ ގުޅިގެން ބާރަށު ކައުންސިލުން ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފަށާއި، އެ ކައުންސިލުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. މޭޔަރު އާތިފާއި މުވައްޒަފުން ދެއްވާ އެއްބާރުލުމަކީ މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭ ބޮޑު ބާރެއް ކަމަށް އެ ކައުންސިލުން ދެކެއެވެ.

ރަށުގެ ބިން ބޭނުންކުރުމުގެ ޕްލޭނާ އެއްގޮތަށް މަގުތައް ސީދާކޮށް ތަރައްޤީކުރެވިގެން ދިއުމަކީ ރަށުގެ ޢުމްރާނީ ތަރައްޤީއަށާއި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ބާރަށު ކައުންސިލުން ފާހަގަކުރެއެވެ.