ސަރުކާރުން ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

Ad
rt

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ދިއްދޫ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، ތާރީޚަށް ބަލާއިރު ދިއްދޫއަކީ ފާހަގަކޮށްލެވޭ ފަދަ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް އުފެދިފައިވާ ރަށެކެވެ. ނަމަވެސް ކުޅިވަރުގެ ވަސީލަތްތަކަށް ހުރި ދަތިތަކާއި ގޮންޖެހުންތަކާ ގުޅިގެން ވޮލީ ކުޅުމަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އަޔަސް، މިހާރު އެ ރަށުގައި އަންހެން އަދި ފިރިހެން ޓީމެއް އޮވެ، އެކި މުބާރާތްތަކުގައި ވާދަކުރަމުން އަންނަކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ދިއްދޫގައި ތަރައްގީކުރި ވޮލީ ކޯޓު ހުޅުވުން، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ދިއްދޫ ކައުންސިލްގެ ރައީސް އިސްމާޢީލް ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، ދިއްދޫއަކީ ކުޅިވަރަށް ލޯބިކުރާ ރަށަކަށް ވުމާއެކު، ވެށީގެ އަމާންކަމާއި ކުދިންގެ އަޚުލާޤު ރަނގަޅު މުޖުތަމަޢެއް އޮތް އެ ރަށަކީ ވޮލީގެ ހުނަރުވެރި، ރަނގަޅު ޖީލެއް ބިނާކުރެވޭނެ ފަދަ ރަށަކަށް ހެދުމަކީ ކައުންސިލްގެ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.

މި ވޮލީބޯޅަ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު ގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.