ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރި 113 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.
މި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޚާއްސަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ބާއްވާފައިވަނީ 2026 އޮކްޓޫބަރު 10 ވަނަ ދުވަހުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން މި ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނު ވަނީ ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހޯދި ޢިލްމީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވާފައެވެ.
މި ދަސްވެނިވުމުގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައިވާއިރު، ޑިޕްލޮމާ ކޯސް ނިންމައި ސަނަދު ހާސިލުކޮށްފައިވަނީ 49 ދަރިވަރުންނެވެ. މިއީ ރާއްޖޭގައި ތަމްރީނުވެފައިވާ ޤުރްއާން މުދައްރިސުން އުފެއްދުމަށާއި، އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.
މި ރަސްމިއްޔާތުގައި ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.
އަދި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމާއި، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ކީރިތި ޤުރްއާނުގެ ތަޢުލީމު އިތުރަށް ހަރުދަނާކުރުމަށާއި، ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ކުރިޔަށް އޮތް ޖީލުތަކަށް ޞައްޙަ ޤުރްއާނީ ޢިލްމު ފޯރުކޮށްދެވޭނެ ފަދަ ޤާބިލު މުދައްރިސުން ބިނާކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކާމިޔާބީއެއް ވެސް މެއެވެ.
މި ކޯސްތައް ކާމިޔާބުކަމާއެކު ނިންމާލުމަކީ އިސްލާމީ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ދީނީ އުނގަންނައިދިނުމުގެ ދާއިރާއިން ޢިލްމީ ޤާބިލުކަން މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ބާރެކެވެ. މީގެ ސަބަބުން މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ޤައުމީ ފެންވަރުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!