އިސްރާއީލުގެ ދިފާޢީ ކުންފުންޏެއް ކަމަށްވާ އެލްބިޓް ސިސްޓަމްސް އަށް ފޮނުވަން ތައްޔާރުކޮށްފައިވާ އަސްކަރީ ސާމާނުތަކެއްގެ ޝިޕްމަންޓެއް ފޮނުވުން ހުއްޓުވުމަށް އެދި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ފަރަންސޭސިވިލާތަށް ލާޒިމުވާ ކަންކަމަށް ރިއާޔަތްކޮށް އެ ޤައުމުގެ ތިން ޖަމްޢިއްޔާއަކުން ޕެރިހުގެ އެޑްމިނިސްޓްރޭޓިވް ކޯޓަށް ހުކުރު ދުވަހު މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ފްރެންކޯ-ޕަލަސްތީނިއަން ޖަމްޢިއްޔާއެއް ކަމަށްވާ 'ނިޑާލް' އާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ 'އޭއެސްއީއާރް' ގެ އިތުރުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށް ވަކާލާތުކުރާ ޤާނޫނީ މާހިރުންގެ ޖަމްޢިއްޔާއެއް ކަމަށްވާ 'ޖުރްޑީ' އިންނެވެ. އެ ޖަމްޢިއްޔާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަސާސީ މިނިވަންކަން ރައްކާތެރިކުރުމަށް އޮންނަ އަވަސް އިޖުރާއާތުގެ ދަށުން މި މައްސަލަ ހުށަހަޅާފައިވަނީ ޕެރިސް އެޑްމިނިސްޓްރޭޓިވް ކޯޓުގެ ކުއްލި މައްސަލަތައް ބައްލަވާ ފަނޑިޔާރަށް ކަމަށެވެ.
އެ ޖަމްޢިއްޔާތަކުން ހާމަކުރި ގޮތުގައި، މި ޤާނޫނީ ފިޔަވަޅު އަޅަން ނިންމީ ފަރަންސޭސިވިލާތުގެ ސެއިންޓް-އެޓިއެންގައި ހުންނަ ކުންފުންޏެއް ކަމަށްވާ 'މިޖްނޯ ޕްރެސިޝަން ގިއަރިންގ އެސްއޭއެސް' އިން، އަސްކަރީ އުޅަނދުފަހަރުގައި ބޭނުންކުރާ 'ޕްލެނެޓަރީ ގިއަރބޮކްސް' ތަކެއް އެލްބިޓް ސިސްޓަމްސްގެ އެއްގަމު ސާމާނު އުފައްދާ ގޮފި ކަމަށްވާ 'އެލްބިޓް ސިސްޓަމްސް ލޭންޑް' އަށް ފޮނުވަން މަސައްކަތްކުރާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެންނެވެ.
މި ޝިޕްމަންޓް އެންމެ ފުރަތަމަ ފޮނުވަން ތާވަލުކޮށްފައި އޮތީ މިދިޔަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު އެއާ ފްރާންސްގެ ފްލައިޓެއްގައެވެ. ނަމަވެސް މަދަނީ ޖަމްޢިއްޔާތަކުން އެކަން ސަމާލުކަމަށް ގެނައުމާއި ރޮއިސީ އެއާޕޯޓުގެ ޓްރޭޑް ޔޫނިއަންތަކުން ކުރި މަސައްކަތްތަކާ ގުޅިގެން އެ ދުވަހު އެ ތަކެތި ފްލައިޓަށް އަރުވާފައެއް ނުވެއެވެ. އެހެންނަމަވެސް، ޕެރިސް-ޗާލްސް ޑި ގޯލް އެއާޕޯޓުން ހޮނިހިރު ދުވަހު ފުރާ އިސްރާއީލުގެ އެލް އަލް އެއާލައިންގެ ފްލައިޓެއްގައި މި ޝިޕްމަންޓް ފޮނުވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކޯޓަށް ހުށަހެޅި މައްސަލާގައި ޖަމްޢިއްޔާތަކުން ވަނީ ފަރަންސޭސި ދަޢުލަތުން މިކަމުގައި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ. އަދި މި މުދާތަކަކީ ކޮން ބާވަތެއްގެ އެއްޗެއްކަން ކަށަވަރުކުރުމަށާއި، މި ތަކެއްޗަށް އެކްސްޕޯޓް ލައިސަންސް ދޫކޮށްފައިވޭތޯ ހާމަކުރުމަށާއި، މި ތަކެތި އެންމެ ފަހުން ބޭނުންކުރާނީ ކޮން ފަރާތަކުންތޯ ދެނެގަތުމުގެ އިތުރުން، މި ޝިޕްމަންޓް ފޮނުވުން ވަގުތުން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް އަމުރުކޮށްދިނުމަށް ޖަމްޢިއްޔާތަކުން ވަނީ ފަނޑިޔާރުގެ އަރިހުން އެދިފައެވެ.
"ދަޢުލަތުގެ ހަރުދަނާ ބެލެހެއްޓުމެއް ނެތި، ހަމައެކަނި އަސްކަރީ ޙަރަކާތްތައް ހިންގާ ފަރާތަކަށް ފަރަންސޭސިވިލާތުގައި އުފައްދާފައިވާ މިފަދަ ނާޒުކު ބައިތައް ފޮނުވިގެން ނުވާނެ. ފުރަތަމަ ފަހަރު މި ތަކެތި ފޮނުވުން ހުއްޓުވީ މުވައްޒަފުންނާއި އެކްޓިވިސްޓުން. މިހާރު ޤާނޫނަށް ޢަމަލުކުރެވޭކަން ކަށަވަރުކުރުމަކީ ދަޢުލަތުގެ، ނުވަތަ އެކަން ނުވެއްޖެނަމަ ފަނޑިޔާރުގެ ޒިންމާއެއް،" ޖަމްޢިއްޔާތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، މި ޝިޕްމަންޓް ފޮނުވުމުގެ ހުއްދަ ދީފިނަމަ ބައިނަލްއަޤްވާމީ މައިދާނުގައި ފަރަންސޭސިވިލާތް ޤާނޫނީ ގޮތުން ޒިންމާދާރުވާން ޖެހޭނެ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!