ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ މީހެއްކަން ސިއްހަތާއި އާއިލާ އަދި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ނެރުނު މި ނޫސްބަޔާނުގައި އެ ވުޒާރާއިން ހާމަކުރި ގޮތުގައި، 2020 އިން 2021 އަށް ކުރިއަށް ގެންދިޔަ ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު އަންނަނީ މާޔޫސްވުމުގެ ނުވަތަ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންނެވެ.

Ad
rt

ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް ނަފްސާނީ މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކުން ދައްކަނީ 2023 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީގެ ކޮންމެ ހަތް މީހަކުން އެކަކީ ނަފްސާނީ ބައްޔެއް ތަހައްމަލުކުރާ މީހެއް ކަމަށެވެ. މިއީ ގާތްގަނޑަކަށް 1.2 ބިލިއަން މީހުންނެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ޑަބްލިއުއެޗްއޯ އިން އިޢުލާނުކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ "ތަޖުރިބާގެ އަޑު ކަނުލައި އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު" މިއެވެ. މި ޝިއާރުގެ މަގުސަދަކީ ނަފްސާނީ އެކި ހާލަތްތައް އަމަލީ ގޮތުން ތަހައްމަލުކޮށްފައިވާ މީހުންގެ ތަޖުރިބާތަކަށް ސަމާލުކަން ދީ، ސިޔާސަތުތައް އެކުލަވައިލުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.

ނަފްސާނީ ބަލިތަކުގެ ތެރޭގައި އެންމެ އާންމުކޮށް ފާހަގަކުރެވެނީ ހާސްކަމާއި (އެންޒައިޓީ) އަދި މާޔޫސްވުމެވެ (ޑިޕްރެޝަން). މީގެ އިތުރުން ބައިޕޯލާ ޑިސްއޯޑަރާއި ޝިޒޮފްރީނިއާ ފަދަ ސީރިއަސް ބަލިތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށާއި ފަރުވާ ހޯދުމަށް ވަސީލަތްތައް ގާއިމުކުރެވެމުން ދިޔަ ނަމަވެސް، މުޖުތަމައުގައި އަދިވެސް އޮތް ނުރަނގަޅު ވިސްނުންތަކާއި ތަފާތުކުރުންތަކުގެ (ސްޓިގްމާ) ސަބަބުން ގިނަ ބަޔަކު އެހީތެރިކަން ހޯދަން ފަސްޖެހޭކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުން މިހާރު ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ވުޒާރާގެ ބަޔާނުގައި ވެއެވެ. އެގޮތުން އަތޮޅުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގައި ސައިކޭޓްރިސްޓުންގެ ކޮންސަލްޓޭޝަން ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ހުޅުމާލޭގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ފެންވަރުގެ 50 އެނދުގެ ސައިކިއޭޓްރިކް އަދި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މި ހޮސްޕިޓަލަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ދިގު މުއްދަތުގެ ފަރުވާއާއި ރިހެބިލިޓޭޝަން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ގާއިމުކުރާ ތަނެކެވެ.

މިއަހަރުގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ހަރަކާތްތައް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 9 އިން 10 އަށް ކ. ކާށިދޫގައެވެ. މި ހަރަކާތްތަކުގެ ތެރޭގައި މުޅި މުޖުތަމައަށް އަމާޒުކޮށްގެން ބާއްވާ "ކޮމިއުނިޓީ ކަލަރ ރަން" އާއި، އޮކްޓޫބަރު 9 ވާ ހުކުރު ދުވަހުގެ ހަވީރު ބާއްވާ "ވިލުންތެރި އާއިލީ މަހާސަމާ" ހިމެނެއެވެ. އަދި އޮކްޓޫބަރު 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު، އެ ރަށުގެ ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން "އިސްރަށްވެހިންގެ ސައްލާ" ގެ ނަމުގައި "ޓީ އެންޑް ޓޯކް" ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ވެސް މި ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.