ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުރާސްފަތި ދުވަހު ދިން ދެ ހަމަލާއެއްގައި ސައޫދީގެ ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

މި ހާދިސާ ހިނގިކަން އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ވަނީ ހުކުރު ދުވަހު ކަށަވަރުކޮށްދީފައެވެ.

Ad
rt

އެ އޮތޯރިޓީން ބުނި ގޮތުގައި، އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ވަސީލަތްތަކަށެވެ. އަދި ދެވަނަ ހަމަލާ ސީދާ އަމާޒުވީ "ސައޫދިއާ" އެއާލައިންގެ މަތިންދާބޯޓަކަށް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ހަމަލާތަކުގައި މަރުވި ތިން ސައޫދީ ރައްޔިތުންގެ އިތުރުން، އެކި ޤައުމުތަކަށް ނިސްބަތްވާ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އިތުރު ބަޔަކަށް ވަނީ އަނިޔާވެފައެވެ. އޮތޯރިޓީން ހާމަކުރި ގޮތުގައި، އަނިޔާވި މީހުންގެ ތެރޭގައި ކުދި އަނިޔާތައް ލިބުނު މީހުންނާއި ސީރިއަސް އަނިޔާތައް ލިބުނު މީހުން ވެސް ހިމެނެއެވެ.

ހާދިސާ ހިނގުމާ އެކު، ކަނޑައެޅިފައިވާ ކުއްލި ހާލަތުގެ އުސޫލުތަކާއި ޕްލޭންތަކާ އެއްގޮތަށް އިމަޖެންސީ ރެސްޕޮންސް ޓީމުތަކުންނާއި ކަމާބެހޭ އިދާރާތަކުން ވަގުތުން ހަރަކާތްތެރިވާން ފެށި ކަމަށް ގާކާއިން ބުންޏެވެ. އަދި ޒަޚަމްވި އެންމެން ވެސް ލަސްނުކޮށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާގެ ބަޔާނުގައި ވެއެވެ.

މި ހަމަލާތަކުގެ ސަބަބުން އެއާޕޯޓުގެ ވަސީލަތްތަކަށާއި މުދަލަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޮތޯރިޓީން ބުންޏެވެ. އެހެންކަމުން ސަލާމަތީ އިދާރާތަކާ ގުޅިގެން ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމުގެ އިތުރުން މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ސަލާމަތް ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމަލާތަކަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު، އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު އަލުން ފަށާފައިވާ ކަމަށް ގާކާއިން ވަނީ ބުނެފައެވެ. އަދި އެއާޕޯޓުން ފުރާ އަދި ޖައްސާ ފްލައިޓްތަކުގެ ދަތުރުތައް މިހާރު އާންމު ހާލަތަކަށް ރުޖޫޢަވެފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ކަށަވަރުކޮށްދިނެވެ.

މި ހަމަލާދިނީ ދިނީ ސީދާ ކޮންބަޔެއްކަމަށް ސައޫދީން ނުބުނެއެވެ. ނަމަވެސް ޔަމަނުގެ ހޫތީން ސައޫދީ އާއި ދެކޮޅަށް މި ދުވަސްވަރު ހަނގުރާމަކުރަމުން އަންނައިރު، މި ހަމަލާއަކީ ހޫތީންގެ ހަމަލާއެއްކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފަވެއެވެ.