އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ގަތުލުއާންމެއް ކަމަށް ކަނޑައެޅި އދ. ގެ ތަހުގީގީ ކޮމިޝަނުގެ ކުރީގެ ވެރިޔާ އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ހައިކޮމިޝަނަރު ނަވަނެތަމް "ނަވީ" ޕިއްލޭ އަށް 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދޭން ނިންމައިފިއެވެ.

ނޯވޭޖިއަން ނޯބެލް ކޮމިޓީން މި އިނާމު އޭނާއަށް އަރުވަން ނިންމީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ސުލްހަ ކުރިއެރުވުމަށް އޭނާ ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Ad
rt

އިރުއިމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ ބިންތަކަށާއި އިޒްރޭލަށް ހާއްސަކޮށް އދ. އިން އެކުލަވައިލި މިނިވަން ބައިނަލްއަގުވާމީ ތަހުގީގީ ކޮމިޝަނުގެ ޗެއާޕާސަންގެ މަގާމު 2021 އިން 2025 އަށް ފުރުއްވީ ޕިއްލޭ އެވެ. އެ ކޮމިޝަނުން 2025 ވަނަ އަހަރު ނެރުނު ތާރީހީ ރިޕޯޓުގައި ވަނީ އިޒްރޭލުން ޣައްޒާގައި ގަތުލުއާންމު ހިންގާފައިވާ ކަމަށް ނިންމައިފައެވެ.

"އަޅުގަނޑު އެންމެ ފަހުން ކުރި ކަމަކީ ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ ގަތުލުއާންމެއްގެ ގޮތުގައި ނަން ދިނުން،" މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕިއްލޭ ވިދާޅުވެފަވެއެވެ.

ދެކުނު އެފްރިކާގެ ޑާބަންގައި، އެޕާތައިޑް ނިޒާމުގެ ދުވަސްވަރު އިންޑިއާގެ ތަމަޅަ ދަރިކޮޅުގެ އާއިލާއަކަށް އުފަންވި ޕިއްލޭ އަކީ ގާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ އިސް ސަފުގެ ބޭފުޅެކެވެ. ނަސްލީ ތަފާތުކުރުންތަކާއި ބާކީކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުއްލެވި ޕިއްލޭ ވަނީ، އެޕާތައިޑާ ދެކޮޅަށް ތެދުވި ނެލްސަން މަންޑޭލާ އާއި އެހެނިހެން ހަރަކާތްތެރިންގެ ދިފާއުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރީކޮޅުގައި މަސައްކަތް ކުރައްވައިފައެވެ.

ބައިނަލްއަގުވާމީ ގާނޫނުގެ ދާއިރާ ފުޅާކުރެއްވުމުގައި ބޮޑު ދައުރެއް އަދާކުރެއްވި ޕިއްލޭ ވަނީ ދެކުނު އެފްރިކާގެ ހައިކޯޓުގެ ފަނޑިޔާރުކަމާއި، ރަވަންޑާއާ ބެހޭ ބައިނަލްއަގުވާމީ ޖިނާއީ ޓްރައިބިއުނަލް (އައިސީޓީއާރު) އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ފަނޑިޔާރުކަން ވެސް ކުރައްވައިފައެވެ. މީގެއިތުރުން، އޭނާ މިހާރު ގެންދަވަނީ މިޔަންމާއިން ގަތުލުއާންމު ހިންގި ކަމަށް ބުނާ މައްސަލާގައި ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައިސީޖޭ) ގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް ހިދުމަތް ކުރައްވަމުންނެވެ.

ގައުމުތަކާއި ވެރިން ޒިންމާދާރުކުރުވުމުގައި ޕިއްލޭ ވަނީ މުހިންމު ގާނޫނީ އުސޫލުތަކެއް ކަނޑައެޅުމުގައި އެހީތެރިވެދެއްވައިފައެވެ. އެގޮތުން ރަވަންޑާގެ ޓްރައިބިއުނަލްގައި މަސައްކަތް ކުރެއްވި އިރު، ޖިންސީ އަނިޔާއާއި ރޭޕަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް އަދި ގަތުލުއާންމެއްގެ ބައެއް ކަމުގައި ކަނޑައެޅުމުގައި އޭނާގެ ދައުރު ބޮޑެވެ. މީގެއިތުރުން، ހަމައެކަނި ޕްރޮޕެގެންޑާ ފެތުރުމުގެ މައްޗަށް ބިނާކޮށް، ގަތުލުއާންމު ހިންގަން ހިތްވަރުދިން ކަމުގެ ދައުވާ ފުރަތަމަ ފަހަރަށް މީހެއްގެ މައްޗަށް އުފުލުމުގައި ވެސް ޕިއްލޭ ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

ނޯބެލް ސުލްހައިގެ އިނާމު ދޭން ފެށިތާ 125 އަހަރު ފުރިފައިވާއިރު، ނޯވޭޖިއަން ނޯބެލް ކޮމިޓީން ބުނީ މިއަހަރުގެ އިނާމު ހާއްސަކުރީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކަށް އިންސާފު ހޯދައިދިނުމުގައި ހިތްވަރާއެކު މަސައްކަތް ކުރެއްވި ބޭފުޅަކަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި ކޯޓުތަކަށް ފިއްތުންތައް ކުރިމަތިވެ، ފަނޑިޔާރުންނަށް ފިޔަވަޅު އަޅަމުންދާ މިފަދަ ދަނޑިވަޅެއްގައި، ގާނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ޕިއްލޭ ދެއްކެވި ހިތްވަރާއި އަޒުމަކީ މުޅި ދުނިޔެއަށް ވެސް މުހިންމު މިސާލެއް ކަމަށް އެ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.