ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހއ. ވަށަފަރަށް ނިސްބަތްވާ ސިނާން ހުސައިން ހޯދައިފިއެވެ.
ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައި، ސިނާން މި އެވޯޑާއި ހަވާލުވެފައިވާއިރު، އެންމެ މޮޅު ރެފްރީގެ މަގާމު އޭނާ ހޯދާފައިވަނީ ޖާވިޒު މުހައްމަދާއި ޝާތިރު އަބްދުﷲ އާ ވާދަކޮށްގެންނެވެ.
މި ހަފުލާގައި ފާއިތުވި ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ހއ. އަތޮޅަށް ނިސްބަތްވާ ކުޅުންެތެރިއެކެވެ. އެ މަގާމު ހޯދީ އުތީމަށް ނިސްބަތްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމެވެ.
މީގެ އިތުރުން ރީޖަނަލް ފުޓްބޯޅަ ކްލަބުތަކުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދިން އެވޯޑުތަކުގެ ތެރެއިން، އެންމެ މޮޅު ރީޖަނަލް ކްލަބުގެ ދެވަނަ މަގާމު ހާސިލުކޮށްފައިވަނީ ވެސް ހއ. އަތޮޅުގެ ދިއްދޫ ސްޕޯޓްސް ކްލަބުންނެވެ.
މި ރަސްމިއްޔާތުގައި ދިން ޕްރެޒިޑެންޓްސް އެވޯޑް ހާއްސަކޮށްފައި ވަނީ 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގައި ހިއްސާވި، އަވަހާރަވެފައިވާ ތިން ޝަހުސިއްޔަތަކަށެވެ. އެއީ މުހައްމަދު އާރިފް (ބަކާ) އާއި ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތީ) އަދި ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފެވެ.
މި އެވޯޑުތަކާ ހަވާލުވީ އެ ބޭފުޅުންގެ އާއިލާތަކުންނެވެ. އެގޮތުން ބަކާގެ އެވޯޑާ ހަވާލުވީ އޭނާގެ ދަރިފުޅު ޔޫސުފް އަލާލީ އާރިފެވެ. ސާންތީގެ އެވޯޑާ ހަވާލުވީ ކޮއްކޮ އަހްސަން އަބްދުލްޣަނީއެވެ. އަދި އިފްރާހުގެ އެވޯޑާ ހަވާލުވީ އޭނާގެ އަނބިކަނބަލުން ޝިފާޒާ އަދި ކޮއްކޮ އަބްދުﷲ އައިހަމް މުހައްމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!