ރަޝިއާގެ ރިސާޗް ލެބޯޓްރީއެއްގައި މަސައްކަތްކުރާ މުވައްޒަފަކު ނިއުމޯނިއާ ޖެހިގެން މަރުވި މައްސަލައިގައި، އޭނާ މަރުވީ ނުރައްކާތެރި ބައްޔެއް ކަމަށްވާ ނިއުމޮނިކް ޕްލޭގް ޖެހިގެން ކަމަށް ބެލެވޭތީ އެކަމާ ގުޅޭ ބައިނަލްއަގުވާމީ ތަހުގީގެއް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ފަށައިފިއެވެ.
މިއާއިއެކު އެ ލެބޯޓްރީގެ ދެވަނަ މުވައްޒަފަކު ވެސް އެ ބަލީގައި މަރުވި ކަމަށް ފެތުރެމުންދާ ރިޕޯޓްތައް ބަލަމުން އަންނައިރު، އެމެރިކާއިން ވެސް ދަނީ މިކަމާ ގުޅޭ ސާފު މައުލޫމާތު ހޯދުމަށް ބާރުއަޅަމުންނެވެ.
މި ހާދިސާގައި މަރުވެފައިވަނީ ރަޝިއާގެ ސައިބީރިއާ އަދި ފާ އީސްޓް ސަރަހައްދުގައި ހުންނަ "އިރްކުޓްސްކް އެންޓި-ޕްލޭގް ރިސާޗް އިންސްޓިޓިއުޓް" ގައި މަސައްކަތްކުރަމުން ދިޔަ އުމުރުން 28 އަހަރުގެ ދާރިޔާ ޝިޕިލޯވާ އެވެ. އޭނާ މަރުވީ ނޭވާލާ ނިޒާމަށް ކުރިމަތިވި ކުއްލި ސީރިއަސް މައްސަލަތަކަކާ އެކު، ނިއުމޯނިއާ ހާލަތު ބޮޑުވެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ރަޝިއާގެ ސަރަހައްދީ އޮފިޝަލުންގެ ފުރަތަމަ ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި، އޭނާއަށް ނިއުމޮނިކް ޕްލޭގް (ޔާސީނިއާ ޕެސްޓިސް) ޖެހުނީ ލެބޯޓްރީ ތެރޭގައި ހިނގި ހާދިސާއެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
މި ހާދިސާއަށް ފަހު، ހަމަ އެ އިންސްޓިޓިއުޓްގައި މަސައްކަތްކުރާ ދެވަނަ މުވައްޒަފަކަށް ވެސް ސަބަބު ދެނެގަނެވިފައިނުވާ ނިއުމޯނިއާ ޖެހިފައިވާ ކަމުގެ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައެވެ. އެހެންކަމުން، އެ މައްސަލައިގެ ތަފުސީލީ މައުލޫމާތާއި ރަސްމީ ކަށަވަރުކުރުމެއް ހޯދުމަށް ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ރަޝިއާގެ ސިއްހީ އިދާރާތަކުގައި އެދިފައެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވީ، މި ހާލަތުގެ "ފުރިހަމަ ތަސްވީރު" އަދި އެ ޖަމްއިއްޔާއަށް ސާފުނުވާ ކަމަށާއި، ނުރައްކާ އޮތް މިންވަރު ސީދާ ވަޒަންކުރުމަށްޓަކައި ފުރިހަމަ އަދި ދެފުށް ފެންނަ މައުލޫމާތު ބޭނުންވާ ކަމަށެވެ. އަދި ނިއުމޮނިކް ޕްލޭގް ޖެހުނުކަން ރަސްމީކޮށް އަދި ކަށަވަރުވެފައި ނުވި ނަމަވެސް، އެ މަރަށް މެދުވެރިވި ޖަރާސީމަކީ ކޮބައިކަން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
ނަމަވެސް، ރަޝިއާގެ ކޮންސިއުމާ ރައްކާތެރިކަމާ ބެހޭ ސިއްހީ އިދާރާ (ރޮސްޕޮޓްރެބްނަޑްޒޯ) އަދި ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވަނީ ދެވަނަ މީހަކަށް ޕްލޭގް ޖެހުނު ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވައި، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ރަޝިއާގެ އިދާރާތަކުން ޑަބްލިއުއެޗްއޯއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ބަލިމީހާއާ ބައްދަލުވި މީހުން ދެނެގަނެ، އެ މީހުން ޓެސްޓުކުރި އިރު ނުރައްކާތެރި އެއްވެސް ޖަރާސީމެއް ފެނިފައެއް ނުވެއެވެ.
މި ހާލަތާ ގުޅިގެން އެމެރިކާގެ ސިއްހީ އިދާރާތަކުންނާއި ބައިނަލްއަގުވާމީ އިދާރާތަކުން ކަންކަން ވަރަށް ގާތުން ބަލަމުން އަންނައިރު، ރަޝިއާއާ އަވައްޓެރި މޮންގޯލިއާ، ކިރްގިޒްސްތާން އަދި އުޒްބެކިސްތާނުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޑަރުތަކުގެ ސްކްރީނިން ވަރުގަދަކޮށްފައެވެ. ބައިނަލްއަގުވާމީ އިދާރާތަކުން ރަޝިއާގެ ކިބައިން ފުރިހަމަ ޑައިގްނޯސްޓިކް މައުލޫމާތު ހޯދުމަށް އެދެމުންދިޔަ ނަމަވެސް، ޑަބްލިއުއެޗްއޯގެ މާހިރުން މިހާރު ލަފާކުރަނީ މިކަމުގެ ސަބަބުން ދުނިޔެއަށް އޮތް ޖުމްލަ ނުރައްކާ ވަރަށް ކުޑަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!