ގައުމީ ޓީމުގެ ޖާޒީގައި ކުޅުނު ފަހު މެޗުގައި، ލިއޮނަލް މެސީ ޖެހި ލަނޑާއި ދެއްކި މޮޅު ކުޅުމާއެކު ބެނިން އަތުން 3-0 އިން މޮޅުވެ، އާޖެންޓީނާގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބައިނަލްއަގުވާމީ ފުޓްބޯޅަ ކެރިއަރަށް އަސަރުގަދަ އަލްވަދާއެއް ކިޔާފައިވާއިރު، ބުއެނޮސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މި ރަހުމަތްތެރިކަމުގެ މެޗަކީ އޭނާގެ 21 އަހަރުވީ ބައިނަލްއަގުވާމީ ކެރިއަރުގެ އެންމެ ފަހު މެޗެވެ.
އުމުރުން 39 އަހަރުގެ ކެޕްޓަންގެ ވަދާއީ މެޗު ބެލުމަށް 85،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. މެޗު ކުރިއަށްދިޔަ ވަގުތު މުޅި ވެރިރަށުގެ މުހިންމު ބިނާތައް އާޖެންޓީނާގެ ނޫ އަދި ހުދު ކުލައިގެ އަލިތަކުން ދިއްލާލާފައިވާއިރު، ސްޓޭޑިއަމް މަތިން ހަވާ އަރުވައި ސަޕޯޓަރުން ވަނީ ފޯރިއާއެކު ގައުމީ ސަލާމް ކިޔައިފައެވެ. މީގެ އިތުރުން، މެޗުގެ ގަޑިއިރުތަކެއް ކުރިން މެސީގެ އުފަން ރަށް ކަމަށްވާ ރޮސާރިއޯގެ ނެޝަނަލް ފްލެގް މެމޯރިއަލްގައި "ޝުކުރިއްޔާ" ޖަހާފައިވާ 10 ނަންބަރު ބޮޑު ޖާޒީއެއް ވެސް ވަނީ ދައްކާލައިފައެވެ.
މެސީގެ ނަން ދީފައިވާ ޓްރެއިނިން ސެންޓަރުން ފުރައިގެން ޓީމު ބަސް ދަތުރުކުރި ވަގުތު، މަގުތަކުގެ ދެފަރާތުގައި އެތައް ހާސް ބަޔަކު ސަފުހަދާފައި ތިބި މަންޒަރު ފެނި މެސީގެ ލޮލުން ކަރުނަ ފޭބިއެވެ. އަދި ދެ ޓީމު ދަނޑަށް ނުކުމެ ސަލާމްކުރި ވަގުތު، ބެނިންގެ ކެޕްޓަން ވަނީ މެސީއަށް ހަދިޔާއަކާއި ސިޓީއެއް ހަވާލުކޮށްފައެވެ.
މެސީގެ ވަދާއީ ވަގުތުކޮޅު
ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފުގައި މެސީ ދިން ބޯޅައަކުން އާޖެންޓީނާއަށް ލީޑު ނަގައިދިނީ ނިކޮލަސް އޮޓަމެންޑީއެވެ. ވޯލްޑް ކަޕުގެ ހަތަރު މުބާރާތް ހިމެނޭހެން، މެސީއާއެކު 17 އަހަރު ގައުމީ ޓީމަށް ކުޅުނު އޮޓަމެންޑީ ވެސް މި މެޗަށްފަހު ވަނީ ބައިނަލްއަގުވާމީ ކެރިއަރު ނިންމާލައިފައެވެ. އޭގެ ފަހުން، އާޖެންޓީނާގެ 10 ނަންބަރު ޖާޒީގެ ވާރުތަވެރިއެއްގެ ގޮތުގައި ބެލެވޭ ނިކޯ ޕާޒް ޖެހި ދެވަނަ ލަނޑުގެ ފުރުސަތު ވެސް ތަނަވަސްކޮށްދިނީ މެސީއެވެ. އަދި މެޗުގެ ފަހު ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކޮށް، މެސީ ވަނީ އޭނާގެ ބައިނަލްއަގުވާމީ ލަނޑުގެ އަދަދު 126 އަށް އަރުވައިފައެވެ.
މެޗު ނިމުމުގެ ކަށިގަނޑާއެކު، ދެ ޓީމުގެ ކުޅުންތެރިންނާއި ރެފްރީ ވެސް ވަނީ މެސީގެ ގާތަށް ގޮސް އޭނާގެ ގައިގައި ބައްދާލައިފައެވެ. އެއަށްފަހު ސްޓޭޑިއަމްގެ މަތީގައި ޑްރޯން ޝޯއެއް ކުރިއަށްދިޔައިރު، މަޝްހޫރު ލަވަކިޔުންތެރިޔާ ސޮލެޑާޑް ޕަސްޓޮރުއްޓީ ("ލަ ސޯލޭ") ވަނީ މެސީގެ ޝަރަފުގައި އޭނާގެ މަޝްހޫރު ލަވަ "ބްރިންޑިސް" ހުށަހަޅައިދީފައެވެ. މި ވަގުތު މެސީގެ އާއިލާގެ އިތުރުން 1978، 1986 އަދި 2022 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ބައެއް ކުޅުންތެރިން ވެސް ސަޕޯޓަރުންގެ ގޮނޑިބަރީގައި ތިއްބެވެ.
މެސީ އަށް މުޅި އާޖެންޓީނާ ވަނީ ޝަރަފް ދީފައި
މެޗަށްފަހު ވާހަކަދައްކަމުން މެސީ ބުނީ، އިހުސާސްތައް ގިނަވެ ސިކުނޑިއަށް އެތައް ކަމެއް އަރައިފައިބަމުން ދިޔުމުން ވާހަކަދައްކަން ވެސް ދަތިވި ކަމަށެވެ. އަދި އެންމެ ފުރަތަމަ ވެސް ހަނދާނަށް އައީ ދާދި ފަހުން މަރުވި އޭނާގެ ބައްޕަ ކަމަށް މެސީ ފާހަގަކުރިއެވެ.
"ވިއްސަކަށް އަހަރަށް ވުރެ ގިނަ ދުވަހު މި ޖާޒީ ލުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް،" މެސީ ބުންޏެވެ.
"ދެން މި ޓީމަށް ނާދެވޭނެކަން އެނގުމުން ވަރަށް ބޮޑަށް ދެރަވޭ. މުޅި އުމުރުގައި ވެސް މި ޓީމަށް އަންނަން އަހަރެން ބޭނުންވި، ސަބަބަކީ އާޖެންޓީނާއަށް ކުޅުމަކީ އިންސާނަކަށް ދިމާވާނެ އެންމެ ރީތި ކަންތައް." މެސީ ބުނެފަވެއެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ (208 މެޗު) އަދި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފާއެކު މެސީ ވަކިވެގެންދިޔައީ، ބައިނަލްއަގުވާމީ މައިދާނުގައި އެތައް އަހަރެއް ވަންދެން ކުރިމަތިވި މާޔޫސްކަން ފަހަނައަޅައި، ވޯލްޑް ކަޕާއި ކޮޕާ އެމެރިކާގެ ތަށި ގައުމަށް ހޯދައިދިނުމަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!