ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން މީހަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހެނދުނު 06:00 އެހައިކަންހާއިރު ކަމަށެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ ކަސްރަތަށް ނުކުމެ އުޅުނު ފިރިހެނަކާ އަންހެނަކު ސުވާލުކޮށް، ތިން މަސް ދުވަސް ވަންދެން ފުރައްސާރަކުރަމުންދާތީ އެކަމާ ދެކޮޅަށް ވީޑިއޯކުރާ މަންޒަރެވެ.
އެ ވޯޑިއޯގައި ވާހަކަ ދައްކަމުން އަންހެންމީހާ ބުނި ގޮތުގައި ކަސްރަތުކުރަން ނުކުންނަ ކޮންމެ ފަހަރަކު ވެސް އެ ފިރިހެންމީހާ އޭނާގެ ފަހަތުން ހިނގައި، ފުރައްސާރަކުރަމުން ދެއެވެ. އަދި އެކަމުގެ ސަބަބުން ބްރިޖު މަތީގައި ހަމަޖެހިލައިގެން ހިނގާލަން ވެސް އުނދަގޫވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ވީޑިއޯގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެ ފިރިހެންމީހާ ވަނީ މާފަށް އެދިފައެވެ. އަދި އޭގެ ފަހުން ބާރަށް ހިނގައިގަނެ، ވަކި ހިސާބަކުން ދުވެފައި ދާ މަންޒަރު ވެސް ފެނެއެވެ.
ފުރައްސާރައަށް ކެތްނުކުރެވިގެން އެ މީހާއާ ކުރިމަތިލުމަށްފަހު، ފުލުހުންގެ 119 އަށް ގުޅުމުން ފުލުހުން އެދުނީ މައްސަލަ ރިޕޯޓުކުރުމަށް ސްޓޭޝަނަށް ދިއުމަށެވެ. އެއާއެކު އޭނާ ވަނީ މިއަދު ހެނދުނު އެ މައްސަލަ ހެންވޭރު ޕޮލިހަށް ރިޕޯޓުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!