ވާހަކަދެއްކުމާއި ބަޙުސްކުރުމުގެ މުބާރާތްތަކުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލު އުޖާލާވެ، ހަރުދަނާ ދިވެހި ދަރީންތަކެއް އުފެދިގެންދާ ކަމަށާއި މީހަކީ ހަރުދަނާ ޝަޚުސިއްޔަތަކަށް ވަނީ ލިބިފައިވާ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވާހަކަދެއްކުމާއި ބަޙުސްކުރުމުގެ މުބާރާތްތަކުގެ ސަބަބުން ޤައުމަށް އުފަންވަނީ ހަރުދަނާ ޖީލެއް: ވަޒީރު ހީނާ

Ad
rt

ވަޒީރު މިހެން ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ އަދަބީ މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އައްޑޫ ސިޓީގައި ފެށިގެން ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި، އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން ކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި ޝަޚުސިއްޔަތެއްގައި ހުރުން ލާޒިމުކުރާ ސިފަތައް އަށަގަންނުވައިދީ، އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ދަސްކޮށްދޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ތެދުވެރިކަމުގެ މާތް ސިފައާއި ސާފު ތެދު މަޢުލޫމާތާއި ޢިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ މުހިންމު ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގަންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބަދަލުވަމުންދާ މި ދުނިޔެއަށް ދަރިން ތަރުބިއްޔަތު ކުރަން ޖެހޭއިރު، އެ ބަދަލުތަކުގައި އުމުރުގެ ބޮޑުބައި ހޭދަކުރަނީ އެ ކުދިންނާއެކުކަން ވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ އުސޫލުތަކަށް ބަދަލުތަކެއް އައި ނަމަވެސް، ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖުތަމަޢުގައި ވަކިން ޚާއްޞަ ގޮތެއްގައި ބޭނުންތެރި ކަމެކެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޢިލްމުވެރި އަދި ފަޞާޙަތްތެރި މާޒީއެއް އޮތް އައްޑުއާއި ފުވައްމުލަކުގެ އެންމެހައި ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.