ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ދެ ފަހަރެއްގެ މަތިން ވީ ވަޢުދާ ޚިލާފުވި ކަމަށް ތުހުމަތުކޮށް، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ މައްސަލައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ މާފަށް އެދިއްޖެއެވެ. އެހެން ނަމަވެސް، އަޅާ ކޮންމެ ފިޔަވަޅަކަށް ފަހު ވެސް ގައުމީ ޓީމަށް ކުޅެން އަދިވެސް ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ނެރުނު ދިގު ބަޔާނެއްގައި ބުނީ، ނޭޝަންސް ލީގުގައި މިދިޔަ ހަފުތާގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކޯޕަންހޭގަން ދޫކޮށް އޭނާ ދިޔައީ ކޯޗާ ދެމެދު އުފެދުނު ދެބަސްވުމަކާ ގުޅިގެން ކަމަށެވެ. ރޮނާލްޑޯ ބުނި ގޮތުގައި، އޭނާގެ ފިޓްނަސް މެނޭޖްކުރުމަށްޓަކައި ނޯވޭ އަދި ޑެންމާކް މެޗުގައި އޭނާ ނުކުޅޭ ގޮތަށް ކުރިން އޮތީ ކޯޗު ޖީސަސްއާ އެކު އެއްބަސްވެވިފައެވެ. ނަމަވެސް، ނޯވޭ މެޗު އޮތް ދުވަހު 30 މިނެޓަށް ކުޅެން އަރުވާނެ ކަމަށް ކޯޗު އޭނާ ގާތު ބުނި ކަމަށް ރޮނާލްޑޯ ފާހަގަކުރިއެވެ.

Ad
rt

ނޯވޭ މެޗުގައި ކަން ހިނގައިދިޔަ ގޮތް ހިއްސާކުރަމުން ޕޯޗުގަލްގެ ކެޕްޓަން އަދި އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވާޑް ބުނީ، މެޗުގެ ހާފްޓައިމުން ފެށިގެން އޭނާ ވޯމްއަޕް ކުރި ނަމަވެސް ކުޅެން ނޭރުވި ކަމަށެވެ. "ހުރިހާ އެންމެންނަށް ވެސް ދެން ވީ ގޮތް އެނގޭނެ. ހާފްޓައިމުން ފެށިގެން އަހަރެން ވޯމްއަޕް ކުރިން. ވަގުތު ފާއިތުވަމުން ދިޔަތަން ބަލަން ހުރީ، އެކަމަކު ކުޅޭކަށް ނުގޮވި. މެނޭޖަރު އަހަންނަށް ވީ ވަޢުދާ ޚިލާފުވި،" ރޮނާލްޑޯ ބުންޏެވެ.

މި ހާދިސާއަށް ފަހު، ރޮނާލްޑޯ ކުޅޭ އަލް ނަސްރުގެ ސްޕޯޓިން ޑިރެކްޓަރު ސިމާއޯ ކުޓީނިއޯ ވެސް ބައިވެރިވި ބައްދަލުވުމެއްގައި، ޖެހިގެން އައި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އޮޅުންފިލުވައިދޭން ކޯޗާ އެކު އެއްބަސްވުމެއް ގާއިމުކުރެވުނު ކަމަށް ރޮނާލްޑޯ ބުންޏެވެ. އެގޮތުން، އޭނާ ކުޅެން އެދިފައި ނުވާނެ ކަމަށާއި، ކޯޗުގެ ނިންމުންތަކަށް އިހުތިރާމްކުރި ކަމަށާއި، ކުޅެން ނާރުވައި ވޯމްއަޕް ކުރުވުމަކީ ކޯޗުގެ ކުށެއް ކަމަށް ބަޔާންކޮށް އަށް ނުކުތާގެ ލިޔުމެއް އެކުލަވާލި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ދެއްކި ވާހަކަ އެއްބަސްވުމާ ދިމާނުވާ ކަމަށާއި، ދެވަނަ ފަހަރަށް ވެސް ކޯޗު ވަޢުދު އުވާލުމުން އިތުރަށް މަޑުނުކޮށް ކޭމްޕް ދޫކޮށް ދާން ނިންމީ ކަމަށް ރޮނާލްޑޯ ހާމަކުރިއެވެ.

ރޮނާލްޑޯގެ މި ބަޔާނާ ގުޅިގެން، ނޯވޭ އަތުން ޕޯޗުގަލް މޮޅުވި މެޗަށް ފަހު އާދީއްތަ ދުވަހު ވާހަކަދައްކަމުން ކޯޗު ޖީސަސް ވަނީ ރޮނާލްޑޯއާ އެކު އެފަދަ އެއްވެސް އެއްބަސްވުމެއް ވެފައިވާނެ ކަމަށް އިންކާރުކޮށްފައެވެ. އެހެން ނަމަވެސް، ޓީމަށް އޭނާ އަނބުރާ އައުމުގެ ފުރުސަތު ބަންދުނުވާ ކަމަށް ކޯޗު ބުންޏެވެ. މި މައްސަލައިގައި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން (އެފްޕީއެފް) ވަގުތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނޯވޭ މެޗަށް ފަހު ސަޕޯޓަރުންނާ ސަލާމްނުކުރުމުންނާއި، ޓީމުގެ ކުޅުންތެރިން ދޫކޮށް ދިޔުމުން ރޮނާލްޑޯ ވަނީ މާފަށް އެދިފައެވެ. އަދި އޭނާއަކީ ކެޕްޓަނަކަށް ވުމުން އެ އަމަލުގެ ސީރިއަސްކަން ބޮޑުވާނެ ކަން ގަބޫލުކުރާ ކަމަށް ބުނެ، ފެޑެރޭޝަނުން އަޅާ ކޮންމެ އަދަބަކަށް ފަހު ވެސް ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ. ރޮނާލްޑޯ އިތުރަށް ބުނީ އޭނާގެ ފިޓްނަސް ހުރެ، ކްލަބަށް ކުޅެ ލަނޑު ޖަހަމުންދާ ނަމަ، ކޮންމެ ސަސްޕެންޝަނަކަށް ފަހު ވެސް ގައުމީ ޓީމަށް ކާމިޔާބީ ހޯދައިދޭން އަބަދުވެސް ތައްޔާރަށް ހުންނާނެ ކަމަށެވެ.