އިންޑިއާގެ އީ-ކޮމާސް މާކެޓްޕްލޭސް "ގްލޯބަލް ދުކާން" މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ތައާރަފުކޮށްފިއެވެ.
މިއީ އޮންލައިންކޮށް ވިޔަފާރިކުރާ ދިވެހިންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި ޚިދުމަތެކެވެ.
މޯލްޑިވްސް ޕޯސްޓުން ބުނި ގޮތުގައި، ކަސްޓަމަރުން ވިޔަފާރިކުރުމަށްފަހު ޗެކްއައުޓް ކުރާ ވަގުތު "ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް" އިޚުތިޔާރު ކުރެވޭނެއެވެ. އަދި އެތަނުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ފައިސާގެ މުއާމަލާތްތައް ފުރިހަމަކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މިގޮތުން ފައިސާ ދައްކާއިރު ޝަރުތުހަމަވާ ކަސްޓަމަރުން، ބޭނުންވާނަމަ ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށް ޚާއްޞަ ޕޭމަންޓް ލިންކެއް ގްލޯބަލް ދުކާން އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި އައު ޚިދުމަތަކީ، ގްލޯބަލް ދުކާން މެދުވެރިކޮށް ތަކެއްޗަށް އޯޑަރުކުރާއިރު ބޭރުގެ ފައިސާއިން މުއާމަލާތްކުރާ ބައިނަލްއަޤުވާމީ ޕޭމަންޓް މެތަޑުތަކުގެ ބަދަލުގައި، ދިވެހި ރުފިޔާއިންވެސް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުޅުވިގެންދިޔަ ރަނގަޅު ފުރުސަތެއްކަމަށް ޕޯސްޓުން ފާހަގަކުރެއެވެ. މީގެ ސަބަބުން ރާއްޖޭގެ ކަސްޓަމަރުންނަށް ގްލޯބަލް ދުކާންގެ ޚިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބި، ފައިސާ ދެއްކުމުގެ މަރުހަލާ ކުރިއަށްވުރެ ލުއިވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ ކުރިއެކޭވެސް އެއްފަދައިން، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން ގްލޯބަލް ދުކާން މެދުވެރިކޮށް ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދޭނެ ކަމަށެވެ. އަދި ގްލޯބަލް ދުކާނުން ވިޔަފާރި ކުރުމަށްޓަކައި އިންޑިއާގެ އެޑްރެހެއް ބޭނުން ނުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ގްލޯބަލް ދުކާނުގައި ހިމެނޭ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމްތަކުގެ ތެރޭގައި އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން އަދި އިކިއާ ފަދަ ޕްލެޓްފޯމްތައް ހިމެނެއެވެ. ދިވެހިންގެ ތެރޭގައި މަޤުބޫލު އަދި އިތުބާރު ލިބިފައިވާ މި ޕްލެޓްފޯމުން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ، ދިވެހިންނަށް އޮންލައިންކޮށް ވިޔަފާރި ކުރުމަށާއި ގްލޯބަލް މާކެޓްޕްލޭސްއަށް ހުޅުވިފައިވާ ފުރުޞަތުތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ޕޯސްޓް އޮފީހުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!