މެޗެއްގެ ފުރަތަމަ އެގާރައިގައި ނުހިމެނޭކަން އެނގުމުން ސްކޮޑް ދޫކޮށް ދިޔަ ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަބަދުވެސް އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ރަމްޒު ކަމަށް ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.

އޭނާ މިހެން ބުނީ ނޭޝަންސް ލީގުގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ގައުމީ ޓީމާއި ސަޕޯޓަރުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލަމުންނެވެ.

Ad
rt

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ޕޯޗުގަލް ސްކޮޑް ދޫކޮށް ދިޔަކަން ހާމަކުރީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާ މި ނިންމުން ނިންމީ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ނުހިމެނޭނެ ކަމަށް ކޯޗު ޖޯޖް ޖީސަސް އެންގުމުންނެވެ. އެ މެޗު ރޮނާލްޑޯއާ ނުލައި ޕޯޗުގަލް ވަނީ 4-2 އިން ކާމިޔާބުކޮށްފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުރީގެ ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ސްކޮޑް ދޫކޮށް ދިއުމާ ގުޅިގެން، އޭނާގެ ބައިނަލްއަގުވާމީ މުސްތަގުބަލާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރޫނޯ ބުނީ، ރޮނާލްޑޯއާ ވާހަކަދެއްކި ކަމަށާއި އޭނާގެ ގާތުގައި ބުނި ވާހަކަ ނޫސްވެރިންގެ ކުރިމަތީގައި ވެސް ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ކޮންމެ ގޮތެއް ވިޔަސް، ގައުމީ ޓީމަށާއި، ޕޯޗުގަލްގެ ފުޓްބޯޅައަށް އަދި މުޅި ގައުމަށާއި ދުނިޔެއަށް ރޮނާލްޑޯ ކޮށްދީފައިވާ ޚިދުމަތްތަކުގެ ސަބަބުން، އޭނާއަކީ އަބަދުވެސް ގައުމީ ޓީމުގެ އެންމެ ބޮޑު ރަމްޒު ކަމުގައި ދެމިހުންނާނެ ކަމަށް ބްރޫނޯ ފާހަގަކުރިއެވެ.

ރޮނާލްޑޯ ޓީމު ދޫކޮށް ދިޔަ މައްސަލައިގައި ޕޯޗުގަލްގެ ސަޕޯޓަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، ބަހުސްތައް ހޫނުވެފައިވާތީ ބްރޫނޯ ވަނީ އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލާފައެވެ. އޭނާ ބުނީ، ދުނިޔޭގެ ތާރީޚު ދުށް އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯއަށް ޚާއްސަ މަގާމެއް އޮތް ފަދައިން، ޕޯޗުގަލްގެ ހުރިހާ ރައްޔިތުންގެ ހިތްތަކުގައި ވެސް އޭނާއަށް ޚާއްސަ ޖާގައެއް އޮންނާނެ ކަމަށެވެ. އެހެންކަމުން މީސްތަކުން ބައިބައިވުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން ބްރޫނޯ ބުނީ، ބޭރުން ކޮންމެ ފަދަ ވާހަކަތަކެއް ދެކެވުނު ނަމަވެސް ގައުމީ ޓީމުގެ އެތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށާއި، ޓީމު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި މި މައްސަލައިގައި ގައުމު ބައިބައިނުވުމަށާއި، ވަކި ފަރާތެއް އިޚްތިޔާރުނުކޮށް ހުރިހާ ފަރާތްތަކަށް ވެސް އިހުތިރާމްކުރުމަށް އޭނާ އެދުނެވެ. ކޮންމެ މީހަކު އޭނާ ދެކެ ލޯބިވިޔަސް ނުވަތަ ނުވި ނަމަވެސް، ރޮނާލްޑޯ އަކީ އަދިވެސް ގައުމީ ޓީމުގެ އެންމެ ބޮޑު ރަމްޒު ކަމަށާއި އޭނާއަށް އެންމެންގެ އިހުތިރާމް ހައްގުވާ ކަމަށް ވެސް ބްރޫނޯ ބުންޏެވެ.

ޕޯޗުގަލް ވަނީ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ނުހިމަނައި، ރަށުން ބޭރުގައި ނޯވޭ އަދި ޑެންމާކް އަތުން މޮޅުވެފައެވެ. އެ ޓީމު ދެން ނުކުންނާނީ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ނޯވޭއާ ދެކޮޅަށެވެ. ޕޯޗުގަލްގެ އުމުރުން 72 އަހަރުގެ ކޯޗު ޖޯޖް ޖީސަސް ވެސް ވަނީ ރޮނާލްޑޯއަކީ "ޕޯޗުގަލްގެ ރަމްޒެއް" ކަމަށް ބުނެފައެވެ. ނަމަވެސް ޕޯޓޯގައި ކުޅޭ އާދީއްތަ ދުވަހުގެ މެޗަށް ފަހު ރޮނާލްޑޯއާ ގުޅޭގޮތުން ވާހަކަދައްކަން ވަގުތު ލިބޭނެ ކަމަށާއި، މި ވަގުތު އޭނާގެ މުޅި ސަމާލުކަން ހުރީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ޓީމުގެ ތެރޭގައި ހިމެނޭ ނޯވޭއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ކޯޗު ބުންޏެވެ.