އިންސާނީ ހައްގުތަކާ ގުޅޭ ޝަރުތުތަކުން އިސްތިސްނާކޮށް، މި އަހަރު މިސްރަށް ދިނުމަށް ހަމަޖެހިފައިވާ އަސްކަރީ އެހީގެ ތެރެއިން 300 މިލިއަން ޑޮލަރު ދޫކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން، މި ފައިސާ ބޭނުންކޮށްގެން އެމެރިކާ އާއި ހުޅަނގުން މާނަކުރާ ''އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމެއް ހިންގާތޯ'' ބެލުމަށް އާންމުކޮށް ހަދާ އެސެސްމެންޓްތަކަކާ ނުލައި މިސްރަށް މި އެހީ ލިބިގެންދާނެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ގައުމީ ސަލާމަތަށްޓަކައި އިސްތިސްނާ ދީފައިވަނީ މިސްރަށް ކަނޑައަޅާފައިވާ ފޮރިން މިލިޓަރީ ފައިނޭންސިން (އެފްއެމްއެފް) ގެ 320 މިލިއަން ޑޮލަރަށެވެ. މިއީ ސީދާ ފައިސާގެ ގޮތުގައި މިސްރާ ހަވާލުކުރާ އެހީއެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އެމެރިކާގައި އުފައްދާ ދިފާއީ ސާމާނާއި ހަތިޔާރު އަދި ''ޓެރަރިޒަމާ ދެކޮޅަށް'' ބޭނުންކުރާ ވަސީލަތްތައް ގަތުމަށާއި އަސްކަރީ ތަމްރީނު ހޯދުމަށް އެ ގައުމަށް ދޫކުރާ ކްރެޑިޓެވެ.
އެމެރިކާގެ ގާނޫނުތައް ބުނާގޮތުން، ކޮންގްރެސް މެދުވެރިކޮށް މިސްރަށް އަހަރަކު ދޭ ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ވަކި މިންވަރެއް ހަވާލުކުރެވެނީ ''އިންސާނީ ހައްގުތަކާއި ހެޔޮވެރިކަމާ'' ގުޅޭ ޝަރުތުތަކެއް ފުރިހަމަކުރުމުންނެވެ. އޭގެ ތެރޭގައި ސިޔާސީ ކުށްވެރިންގެ މައްސަލަތަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އިންސާފުވެރި ޝަރީއަތް ހިންގުމުގައި ކުރިއެރުންތަކެއް ދައްކަން ޖެހެއެވެ.
ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ކޮންގްރެސްއަށް ފޮނުއްވި މެމޮރެންޑަމެއްގައި މި ޝަރުތުތައް ދޫކޮށްލުމަށް ސޮއިކުރައްވާފައެވެ. ރޫބިއޯ ބަޔާންކުރައްވާފައިވާ ގޮތުގައި އިންސާނީ ހައްގުތަކުގެ ހުރަސްތައް އެއްކިބާކޮށް މި އެހީ ދިނުމަކީ އެމެރިކާގެ ސްޓްރެޓެޖިކް މަސްލަހަތުތަކަށް ކޮންމެހެން މުހިންމު ކަމެކެވެ. އެގޮތުން ސަރަހައްދީ އެއްބާރުލުމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، އީރާނާ ގުޅިގެން އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަންތަކަށް ފަހު މިސްރުން ދިން ސްޓްރެޓެޖިކް އެއްބާރުލުމަށް މި ނިންމުމުގައި ރިއާޔަތްކޮށްފައިވެއެވެ.
ފެޑެރަލް ގާނޫނުގެ ދަށުން، ގައުމީ ސަލާމަތާއި، ބޯޑަރުގެ ރައްކާތެރިކަމާއި، ސަރަހައްދީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންތަކަށް މުހިންމު ކަމަށް ބެލެވޭ ހާލަތްތަކުގައި، އިންސާނީ ހައްގުތަކުގެ ޝަރުތުތައް ދޫކޮށްލުމުގެ އިހުތިޔާރު ސެކްރެޓަރީ އޮފް ސްޓޭޓަށް ލިބިގެންވެއެވެ. މިސްރަށް އަސްކަރީ އެހީ ދިނުމުގައި ގައުމީ ސަލާމަތުގެ މިފަދަ އިސްތިސްނާތައް އެމެރިކާގެ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ސަރުކާރުތަކުން ވެސް މީގެ ކުރިން ބޭނުންކޮށްފައިވެއެވެ.
މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ބައެއް ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ބުނަނީ، މިފަދަ އިސްތިސްނާތަކުގެ ސަބަބުން މިސްރުގައި ދެކޮޅުވެރި އަޑުތައް ކަނޑުވާލުމަށް އެ ގައުމުގެ ސަރުކާރުން ހިންގާ ހަރަކާތްތަކާ ދެކޮޅަށް އެމެރިކާއިން ފިއްތުންތައް ކުރިމަތިކުރުމަށް އޮންނަ ބާރު ކުޑަވާ ކަމަށެވެ. އެހެންނަމަވެސް، މި އެހީ ދިނުމަށް ތާއީދުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ސަރަހައްދީ ހަމަޖެހުމަށާއި، ސުއޭޒް ކެނަލްގެ ރައްކާތެރިކަމަށާއި، ބޯޑަރު ކޮންޓްރޯލް ބެލެހެއްޓުމަށް މިސްރާއެކު އޮންނަ އަސްކަރީ ގުޅުން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!