ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން ސާބިތުވެ އޮތްކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވީ ޗައިނާގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް އަދި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި މެސެޖެއްގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ އިތުބާރާއި، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި، ތަރައްޤީއާއި ފާގަތިކަމަށް އޮތް ހިއްސާވާ ތަޞައްވުރުގެ މައްޗަށް ބިނާވެފައިވާ ފުން އަދި ދެމެހެއްޓެނިވި އެކުވެރިކަމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސާބިތުކަމާއެކު ދެމިއޮތް ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާހުރި މުހިންމު ފުރުޞަތުތަކެއް ފަހިވަމުންދާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކުރިމަގަށް ބަލާއިރު، ދެ ޤައުމުގެ މެދުގައި އޮތް "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް" އިތުރަށް ފުޅާކޮށް، ދެޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދުވަހުން ދުވަހަށް ވަރުގަދަވެ، ޗައިނާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ޗައިނާގެ 77 ވަނަ އަހަރީ ދުވަސް ނުވަތަ ޤައުމީ ދުވަސް (Guóqìng Jié) ފާހަގަކުރަނީ 1949 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ބެއިޖިންގްގެ ތިއަނަންމަން ސުކުއެއަރގައި މާއޯ ޒެޑޮންގް، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ޤާއިމުވިކަން ރަސްމީކޮށް އިޢުލާންކުރެއްވި ހާދިސާއާ ގުޅުވައިގެންނެވެ.

މި މުނާސަބަތާއި ގުޅިގެން ޗައިނާގައި 7 ދުވަހުގެ "ގޯލްޑަން ވީކް" ބަންދެއް ފަށާ އިރު، މިއީ އެ ޤައުމުގެ އެތެރޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ބޮޑު ދިރުމެއް ލިބޭ ދުވަސްވަރެކެވެ. މީގެއިތުރުން ބެއިޖިންގްގެ ތިއަނަންމަން ސުކުއެއަރގައި ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ އޮނަރ ގާޑުން އިރުއަރާ ވަގުތު ދެންނެވޭ ދަންޑުނެގުމުގެ ރަސްމިއްޔާތާއި، ބޮޑެތި މާ ބާސްކެޓްތައް ބެހެއްޓުމާއި، ސަރުކާރުގެ ރަސްމީ ޙަފްލާތައް ބޭއްވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޗައިނާގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުން ބާއްވާ ރަސްމީ ޙަފްލާތަކުގައި އެކުވެރި ޤައުމުތަކުން ތަހުނިޔާ ފޮނުވައެވެ.