ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިޑުބާއީގެ ފްލައިޓް އެފްޒެޑް1073 އިން ހައިޖެކް ކުރުމުގެ ސިގްނަލް ފޮނުވީ ބޯޓުގެ ކޮކްޕިޓްތެރޭގައި ޕައިލެޓުންގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެންކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ޕައިލެޓަށް ވަޅިއަކުން ހަމަލާދިނުމުން ވަނީ ބޯޓު ހައިޖެކްކުރި ކަމުގެ ސިގްނަލް ފޮނުވާފައެވެ. އަދި އެއަށްފަހު ސައޫދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި ބޮއިންގ 737 މެކްސް 8 މަރުކާގެ މި ބޯޓު ސައޫދީ-އުރުދުން ބޯޑަރު ކައިރިން ވައިގެ ތެރޭގައި އުދުހެމުން ދިޔައިރު، ބޯޓު އުދުހެމުން ދިޔަ އުސްމިނަށް ބޮޑެތި ބަދަލުތަކެއް އައިސް، ކުރޫއިން ވަނީ އާންމު ކުއްލި ހާލަތުގެ ކޯޑު 7700 އާއި ގާނޫނާ ޚިލާފު ނުރައްކަލެއް ނުވަތަ ހައިޖެކް ކުރުމުން ބޭނުންކުރާ ޓްރާންސްޕޮންޑާ ކޯޑު 7500 އެކްޓިވޭޓް ކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ސަލާމަތީ އިދާރާތަކުން ހާލަތު ވަޒަންކުރުމަށް ފައިޓާ ޖެޓުތައް ވެސް ވައިގެ ތެރެއަށް ފޮނުވި ނަމަވެސް، ބޯޓުގެ މިސްރާބު ވަނީ ސައޫދީ އަރަބިއްޔާގެ ތަބޫކް ރީޖަނަލް އެއާޕޯޓަށް ބަދަލުކޮށްފައެވެ.
އިސްރާއީލުގެ ސަލާމަތީ މީޑިއާތަކާއި ބައިނަލްއަގުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި، މިއީ ބޭރުން ދިން ޓެރަރިސްޓް ހަމަލާއެއް ނުވަތަ ބޭރުން ބަޔަކު ބޯޓު ހައިޖެކް ކުރުމުގެ ސަބަބުން ހިނގި ކަމެއް ނޫނެވެ. މިއީ ބޯޓުގެ ދެ ޕައިލެޓުންގެ ދެމެދުގައި ހިނގި ކުރިމަތިލުމެކެވެ. ބޯޓު ވައްޓާލަން އުޅުނު ޕައިލެޓަކީ އޮމާންގެ ރައްޔިތެއް ކަމަށާއި، ހަމަލާ އަމާޒުވި އަނެއް ޕައިލެޓަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައްޔިތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ހިނގި ވަގުތު މުޅި ބޯޓުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ބޯޓު ކުއްލިއަކަށް ތިރިވެ، ކޮކްޕިޓް ތެރެއިން ހަޅޭއްލަވާ އަޑު އިވުނު ކަމަށް ފަސިންޖަރުން ބުނެފައިވެއެވެ. އެ ފްލައިޓުން ދަތުރުކުރި ޔާސްމީން އަބޫ ކަސީސް އޭނާގެ އޭނާގެ ދަރިފުޅަށް ފެނުނު ބިރުވެރި މަންޒަރުތައް ހިއްސާކުރަމުން ބުނީ "ހުރިހާ ތަނެއްގައި އޮތީ ހުސް ލޭ" ކަމަށެވެ. އަދި މީހުން ބިރުން ހަޅޭއްލަވަމުން ދިޔަ ވަގުތު، ވަޅިއެއް ހިފައިގެން ހުރި މީހަކު ޕައިލެޓަށް ހަމަލާދިން މަންޒަރު އޭނާގެ ދަރިފުޅަށް ފެނުނު ކަމަށް އޭނާ ބުންޏެވެ.
އައި24ނިއުސް އާއި ދަ ޖެރޫސަލަމް ޕޯސްޓް ފަދަ މީޑިއާތަކަށް ފަސިންޖަރުން ދީފައިވާ ބަޔާންތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުޑަ ތިލައަކުން ދިން ހަމަލާގެ ސަބަބުން ޕައިލެޓް ވަރަށް ބޮޑަށް ޒަޚަމްވެ ގިނަ އަދަދަކަށް ލޭ ފޭބިއެވެ. އެހެންނަމަވެސް، ބޯޓުގައި ތިބި ފަސިންޖަރުންނާއި އޮފް-ޑިއުޓީގައި ތިބި ކުރޫއިން ވަނީ ކޮކްޕިޓް ތެރެއަށް ވަދެ ހަމަލާދިން މީހާ ހުއްޓުވައި، ޒަޚަމްވި ޕައިލެޓަށް ފުރަތަމަ އެހީ ފޯރުކޮށްދީފައެވެ.
މި ހާދިސާއަށްފަހު ފްލައިޑުބާއީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބޯޓު ވަނީ ސައޫދީ އަރަބިއްޔާގެ ތަބޫކަށް ރައްކާތެރިކަމާއެކު ޖައްސާފައެވެ. އަދި ހުރިހާ ފަސިންޖަރުންނާއި ކުރޫއިންގެ ހާލަތު ބަލައި ކަށަވަރުކޮށްފައިވާއިރު، ސައޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ދަނީ އާންމު ސަލާމަތީ ތަހުގީގެއް ހިންގަމުންނެވެ.
މީގެ އިތުރުން ސައޫދީ އަރަބިއްޔާ، ޔޫއޭއީ އަދި ބައިނަލްއަގުވާމީ ސަލާމަތީ އިދާރާތަކުންނާއި ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ގުޅިގެން ދަނީ ކޮކްޕިޓް ތެރޭގައި ހިނގި ހަމަނުޖެހުމުގެ ސަބަބުތައް ހޯދުމަށް ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!