ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ރަށުގެ ގޮނޑުދޮށާއި ފަޅުތެރޭގައިވާ ޤުދުރަތީ ދިރުންތައް ތަޖުރިބާކޮށް، ދަސްކުރުމުގެ ޝައުޤުވެރި ޙަރަކާތެއް (ޓައިޑް-ޕޫލް އެކްސްޕްލޮރޭޝަން) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، "ކެޓަނެޓް" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. ކެޓަނެޓް ޕްރޮޖެކްޓަކީ، ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ހިމާޔަތްކުރުމަށްޓަކައި ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު ބޮޑަށް ޢަމާޒުކޮށްފައިވަނީ ބޮޑުތިލަދުންމަތީގެ ޙިމާޔަތް ކުރެވިފައިވާ ބައެއް ސަރަޙައްދުތަކަށެވެ.

Ad
rt

އެ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، ފުނަދޫ ސްކޫލްގެ ގްރޭޑް 3 ގެ ދަރިވަރުންނަށް މި ހަރަކާތް ހިންގި މައިގަނޑު މަޤްޞަދަކީ، ކުދިން ޢަމަލީ މައިދާނުގައި ކަންކަން ތަޖުރިބާކޮށް، ދަރިވަރުންގެ ހިތްތަކުގައި ޤުދުރަތީ ވެށްޓަށް އޮންނަ ޝައުޤުވެރިކަމާއި ލޯބި އިތުރުކުރުމެވެ.

މި ދަތުރުގެ ތެރެއިން ދަރިވަރުންނަށް، ރަށުގެ ގޮނޑުދޮށުން ފެންނަ ތަފާތު ދިރުންތައް ގާތުން ބަލައިލުމުގެ ފުރުޞަތު ލިބިފައިވާކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވާފައިވެއެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ށ. ފުނަދޫ ކައުންސިލާއި، ފުނަދޫ ސްކޫލުގެ އިތުރުން ފުނަދޫ ޕޮލިސް ސްޓޭޝަނާއި ރީޖަނަލް އެއާޕޯޓްސްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ ފަރާތުން ލިބުނު އަގުހުރި އެހީތެރިކަން ފާހަގަކުރައްވާ، އެ ވުޒާރާއިން ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

މީގެއިތުރުން މިފަދަ ޢަމަލީ ތަޖުރިބާތަކުގެ ސަބަބުން ކުޑަކުދިންގެ ހިތްތަކުގައި ތިމާވެށްޓަށް ލޯބިޖެހި، ކުރިމަގުގައި ތިމާވެށި ޙިމާޔަތްކުރުމަށާއި ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ރަނގަޅު ޖީލެއް ބިނާވެގެންދިޔުމަކީ އެ ވުޒާރާގެ އުއްމީދެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.