ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖެއިން 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ 24 ނެޓްވޯކެއްގެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ މިރޭ ކުރިއަށް ދިޔަ "އަހާ" ފޯރަމުގައި މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ވަޒީރު އިޙުސާން ވިދާޅުވީ، އަތުލައިގަނެވުނު 1.3 ޓަނުގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 1.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މިއީ މީގެ ކުރީގެ ހުރިހާ ސަރުކާރެއްގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެތި އަތުލައިގަނެފައިވާ އަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރު އަދަދެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ފުލުހުންނާއި ކަސްޓަމްސްއިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ދެގޮތަކަށް މަސައްކަތްކުރާ ކަމަށާއި، އެއީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި ސަޕްލައި މަދުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ހަމައެކަނި ޑްރަގު ގެންގުޅޭ މީހުން ހޯދައި ޖަލަށްލުމުގެ ބަދަލުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެއިން ވިޔަފާރިކުރާ ނެޓްވޯކުތައް ރޫޅާލައި، އެ ވިޔަފާރިން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މުޅި ރާއްޖެ ހިމެނޭހެން 24 ނެޓްވޯކެއްގެ މައްސަލަ ތަހުގީގުކުރަމުންދާއިރު، އޭގެ ތެރެއިން ތިން މައްސަލައެއް ތަހުގީގު ނިންމައި ކޯޓަށް ފޮނުވާފައިވާކަމަށް އިޙުސާން ވިދާޅުވިއެވެ. މި ނެޓްވޯކުތަކާ ގުޅޭ ތަހުގީގުތަކުގެ ތެރެއިން ނަގުދު ފައިސާގެ ގޮތުގައި 3.6 މިލިއަން ރުފިޔާއާއި 148،000 ޑޮލަރު ހޯދާފައިވާކަމަށާއި، މި މައްސަލަތަކުގައި އެތައް މިލިއަން ރުފިޔާއާއި ޑޮލަރުގެ މުދާ ހިމެނޭކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޑްރަގު ކެފޭގެ ގޮތުގައި ބޭނުންކުރާ ގޭގެއަށް ފުލުހުން އަވަސްއަވަހަށް ރެއިޑްކުރަމުންދާކަން ފާހަގަކުރައްވަމުން، ދެ އަހަރާއި ބައިގެ ތެރޭގައި އެއް ގެއަކަށް 140 އަށްވުރެ ގިނަ ފަހަރު ރެއިޑްކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ ތަންތަން ތަކުރާރުކޮށް ރެއިޑްކުރަން ނުޖެހޭ ގޮތް ހެދުމަށްޓަކައި، ކޯޓު އަމުރެއްގެ ދަށުން ވަގުތީ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހުވެސް މައްސަލަ ހައްލުނުވާނަމަ، ދާއިމީކޮށް ދައުލަތަށް ނެގޭ ގޮތަށް ގާނޫނު ބަދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގާނޫނަށް ގެނައި ބަދަލުތަކާއެކު ކޯޓު އަމުރުގެ ދަށުން 17 ތަނެއް ބަންދުކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި މާލޭގެ 12 ތަނަކާއި، އައްޑޫގެ ހަތަރު ތަނެއްގެ އިތުރުން ފުވައްމުލަކުގެ ތަނެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ނޮވެންބަރު މަހުގެ ކުރިން މާލޭގައި ހުރި ޑްރަގު ކެފޭތައް އެއްކޮށް ބަންދުކުރުމެވެ.

ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެނައި ތިންވަނަ އިސްލާހުގެ ދަށުން، ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި އިސްލާހު ތަސްދީގުކުރެއްވުމާ ގުޅިގެން، މާރިޗު 2026 އިން ފެށިގެން އެއަށް އަމަލުކުރަން ވަނީ ފަށާފައެވެ. ވަޒީރު ވިދާޅުވީ، މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ ހުކުމް ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށާއި، މިއީ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ފަރާތްތަކަށް ދެވުނު ވަރަށް ވަރުގަދަ އަދި ސާފު މެސެޖެއް ކަމަށެވެ. އަދި މިއީ ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ގައުމެއްކަން ބޭރުގެ ފަރާތްތަކަށްވެސް ސާފުވެގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެއާޕޯޓުގައި ބޮޑީ ސްކޭނަރ ބަހައްޓައި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށްފައިވާ ކަމަށެވެ. އެގޮތުން، އިއްޔެ ވެސް ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި ނޭޕާލްގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ. ބޯޑަރ ސްކޭނަރުގެ ސަބަބުން ކުރިން ނުފެނިދާ ގިނަ ކަންކަން ފެންނަމުންދާކަން ފާހަގަކުރައްވަމުން، މިވަގުތަށް އިތުރު މުވައްޒަފުން ބޭނުންނުވާކަމަށާއި، އިންޓެލިޖެންސް ބޭސްކޮށް އިންޓަރސެޕްޝަންތައް ކުރިއަށްގެންދިއުމުން ހަށިގަނޑުގައި ނުވަތަ ފޮށީގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

''އަހާ'' ފޯރަމް އަކީ ރައްޔިތުންގެ ސީދާ ސުވާލުތަކަށް ޖަވާބުދެއްވުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ސިލްސިލާއެކެވެ.