އީރާނުގެ އިސްލާމީ އިންޤިލާބުގެ ރޫޙީ ލީޑަރު އާޔަތުއްލާ ސައްޔިދު އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން އަވަހާރަކޮށްލި ހާދިސާ ކުށްވެރިކުރައްވައި، އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރޫސީވިލާތުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ.
ލަވްރޯވް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.
އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާއި، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ އިތުރުން އީރާނުގެ ޢަސްކަރިއްޔާގެ އިސް ކޮމާންޑަރުން އަވަހާރަވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހުއެވެ.
މި ހާދިސާއަށް މަގުފަހިވި ޢަސްކަރީ ހަރަކާތްތަކަށް ފާޑުވިދާޅުވަމުން ލަވްރޯވް ސިފަކުރެއްވި ގޮތުގައި، އީރާނުގެ ލީޑަރޝިޕަށް އަމާޒުކޮށް ހަމަލާދިނުމަކީ ޤާއިމުވެފައިވާ ދިޕްލޮމެޓިކް ހަމަތަކާ މުޅިން ޚިލާފު، އަދި ދުނިޔޭގެ ހަމަޖެހުމަށް ނުރައްކާތެރި ނަމޫނާއެއް ޤާއިމުވެގެންދިޔަ ކަމެކެވެ.
އދ. ގައި ވާހަކަފުޅު ދައްކަވަމުން ރޫސީވިލާތުގެ ޚާރިޖީ ވަޒީރު ވަނީ އީރާނުގެ އާންމު އުމްރާނީ ވަސީލަތްތަކަށާއި ނިއުކްލިއަރ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ލަވްރޯވް ފާހަގަކުރެއްވި ގޮތުގައި އެ މަރުކަޒުތަކަކީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން އެންމެ އުސް ފެންވަރުގައި ފާރަވެރިވަމުންދާ ތަންތަނެވެ. އަދި އެފަދަ ތަންތަނަށް ބާރުގެ ބޭނުންކޮށްގެން ހަމަލާދިނުމަކީ އދ. ގެ ނިއުކްލިއަރ ވޮޗްޑޯގްގެ އިތުބާރަށް އިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބި، ދުނިޔޭގައި ނިއުކްލިއަރ ހަތިޔާރު ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ އަސާސް ގުޑުވާލި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިނިވަން މުސްތަޤިއްލު ޤައުމެއްގެ ވެރިންނަށާއި އެ ޤައުމެއްގެ ސުލްޙަވެރި ނިއުކްލިއަރ ވަސީލަތްތަކަށް އަމާޒުކޮށް ބާރުގެ ބޭނުންކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ޙުރުމަތްތެރިކޮށް ހިތުން،" ލަވްރޯވް ވިދާޅުވިއެވެ.
މީގެ އިތުރުން ލަވްރޯވް ވިދާޅުވީ އާންމު އުމްރާނީ ވަސީލަތްތަކަކީ ސައްޙަ ޢަސްކަރީ އަމާޒުފަތްގަނޑުތަކެއްގެ ގޮތުގައި ބަލާނަމަ، ދެން ބާކީ އޮތީ ކޮން ޤަވާއިދުތަކެއްތޯ ބައިނަލްއަޤްވާމީ މުޖުތަމަޢުން ސުވާލު އުފައްދަންޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!