މާލޭގެ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާނަކު ސައިކަލު ދުއްވަމުން ދިޔައިރު އޭނާގެ ފަހަތުގައި ވެސް ފިރިހެނަކު އިނެވެ. އަދި ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ވަގުތެއްގައި، ކާރު ލޭނުން ގޮސް، އެހެން ވެހިކަލްތަކަށް ހުރަސްއެޅޭ ގޮތަށް ނުރައްކާތެރިކޮށް މަޖީދީ މަގަށް ގޯޅިއަޅާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
އެ ވީޑިއޯގައި އެ މީހާ ސައިކަލު ދުއްވާފައިވަނީ ވަރަށް ބޮޑަށް އަރިކޮށް އަދި މަޖީދީ މަގަށް އަޅާފައިވަނީ ވެސް ސިގްނަލް ނުދީއެވެ. ނަމަވެސް، މިއީ ކޮން ދުވަހަކު ހިނގި ހާދިސާއެއްކަން އަދި ސާފެއް ނުވެއެވެ.
''މާލޭ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މި ވީޑިއޯއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.'' ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފަވެއެވެ.
މާލެ ސަރަހައްދުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ލައިސަންސް ނެތި ޒިގްޒެގްކޮށް ދުއްވި ސައިކަލަކުން ޖެހި، މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު ސޯސަން މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ވަނީ އިއްޔެ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!