ފަލަސްތީނުގެ އޮތޯރިޓީ (ޕީއޭ) އާއި އެ ގައުމުގެ މުއައްސަސާތަކަށް ސައޫދީ އަރަބިއްޔާއިން ދެމުންދާ ތާއީދު އާކޮށް، ފަލަސްތީނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށާއި ހިފަހައްޓާފައިވާ ޓެކްސް ފައިސާ (ކްލިއަރެންސް ރެވެނިއު) ވަގުތުން ދޫކޮށްލުމަށް ސައޫދީ އަރަބިއްޔާއިން ގޮވާލައިފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ ހެޑްކުއާޓަރުގައި ބޭއްވި އެޑްހޮކް ލިއައިޒަން ކޮމިޓީ (އޭއެޗްއެލްސީ) ގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ސައޫދީ އަރަބިއްޔާގެ ފަރާތުން މިކަމަށް ގޮވާލެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާންގެ ނައިބެއްގެ ގޮތުން، މަޝްވަރާތަކާއި ސުލްހައިގެ މަސައްކަތްތަކާ ބެހޭ ސައޫދީ ހާރިޖީ ވަޒީރުގެ މުޝީރު އަދި ހާއްސަ މަންދޫބު މަނާލް ރަޟްވާން އެވެ.
ނޯވޭއިން ރިޔާސަތު ބެލެހެއްޓި އަދި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކޯ-ސްޕޮންސަރު ކުރި މި ބައްދަލުވުމުގައި މަނާލް ރަޟްވާން ވިދާޅުވީ، ފަލަސްތީނަށް ދޭންޖެހޭ މާލީ އިލްތިޒާމްތަކަކީ އެ ގައުމުން ކުރިއަށްގެންދާ އިސްލާހީ މަސައްކަތްތަކާ ގުޅުވައިގެން ހިފެހެއްޓޭނެ ކަންކަން ނޫން ކަމަށެވެ. އަދި ފަލަސްތީނުގެ ސަރުކާރާއި މުއައްސަސާތައް ބާރުވެރިކުރުމަށް ސައޫދީން އަބަދުވެސް ތާއީދުކުރާނެ ކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.
މީގެއިތުރުން، އިންސާނީ އެހީތެރިކަމާއި، އަވަސް އެހީގެ މަސައްކަތްތަކުގެ އިތުރުން ފަލަސްތީނު އާރާސްތުކުރުމަށް ދެވޭ ފައިސާގެ އެހީތައް ސާފު ސިޔާސީ އޮނިގަނޑެއްގެ ތެރެއިން ސާފުކޮށް ގުޅުވާލުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ފަލަސްތީނުގެ ސަރުކާރުގެ ސައްހަ މުއައްސަސާތައް ވަރުގަދަކޮށް، ވެސްޓް ބޭންކާއި ޣައްޒާގެ އެއްބައިވަންތަކަން ހިފަހައްޓައި، ޣައްޒާގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމަށް ފަލަސްތީނު އޮތޯރިޓީ އެނބުރި އައުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށް ސައޫދީން ބުންޏެވެ.
މަނާލް ރަޟްވާން ވިދާޅުވި ގޮތުގައި، ފަލަސްތީނަށް ދެވޭ އިގްތިސާދީ އެހީތެރިކަމަކީ ބިމުގެ ހަގީގަތްތަކާ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. އެގޮތުން އިސްރާއީލުން އާބާދީތައް ފުޅާކުރުމާއި، ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކުގެ އިތުރުން، ކުރިމަގުގެ ފަލަސްތީނު ދައުލަތެއްގެ ބިމުގެ ގުޅުން ކަނޑުވާލައި އިގްތިސާދީ ދެމެހެއްޓެނިވިކަން ހަލާކުކޮށްލުމަށް ހިންގާ ކަންކަމަށް އޭނާ އަލިއަޅުވާލެއްވިއެވެ.
އިސްރާއީލުގެ މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ މުއައްސަސާތައް ސީދާ ގޮތެއްގައި ބަލިކަށިވެ، 1967 ވަނަ އަހަރުގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅެމުންދާ ކަމަށްވެސް ސައޫދީ މަންދޫބު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!