ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި ކަމަށް ރިޕޯޓްކުރުމާ ގުޅިގެން ބެލިބެލުމުން، އެއްވެސް ލިޔެކިޔުމެއް މަދުވެފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ވުޒާރާގެ ރަސްމީ ލިޔެކިޔުންތައް އަޅާފައި ހުރި ލޮކަރުތަކެއް އޮންނަ އުސޫލުގެ ބޭރުން ހުޅުވާފައި ހުރި ކަމަށް ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

އެ މައްސަލައިގެ ރިޕޯޓް ލިބުމާ ގުޅިގެން، 2026 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ހާޒިރުވެފައެވެ.

ފުލުހުން އެ ވުޒާރާއަށް ހާޒިރުވުމަށްފަހު، ފުލުހުންގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން ވަނީ އެ ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ކޮށްފައެވެ.

އެގޮތުން މުވައްޒަފުން ކުރިއަށްގެންދިޔަ ބެލުންތަކުން، އެ ލޮކަރުތަކުގައި ހުރި އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފައި ނުވާކަން ވަނީ ޔަގީންކުރެވިފައެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުން، ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލޮކަރުތަކުން އެއްވެސް އެއްޗެއް މަދުވެފައި ނުވާކަން ކަށަވަރުކުރެވުނީ އެ ވުޒާރާގެ މުވައްޒަފުން ފުލުހުންގެ ހާޒިރުގައި އެ ތަކެތި ތަފްސީލީކޮށް ޗެކްކުރުމަށްފަހުގައެވެ.