އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރިއާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްކަން ބައިނަލްއަގުވާމީ އިދާރާތަކުންނާއި ހިއުމަނިޓޭރިއަން ޖަމިއްޔާތަކުގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާގެ އަމިއްލަ މައުލޫމާތުތަކުން ފަޟީހަތްވެއްޖެއެވެ.
އަނަޑޯލޫ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2024 އާއި 2026 އާ ދެމެދު އދ. ގެ މަޖިލީހުގައި ނަތަންޔާހޫ ދިން ތަގުރީރުތަކުގައި ހައްދަވާފައިވާ ބޮޑެތި ފަސް ދޮގެއްގެ ހަގީގަތް މިހާރު ވަނީ ތަހުގީގީ ރިޕޯޓްތަކުން ހާމަވެފައެވެ.
ނަތަންޔާހޫ 2026 ވަނަ އަހަރު އދ. ގައި ދިން ތަގުރީރުގައި، އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ހިންގާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ "ގަރުނުގެ އެންމެ ބޮޑު ދޮގު" ކަމަށް ސިފަކުރިއެވެ. ނަމަވެސް، އދ. ގެ އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އިސްރާއީލުގެ އޮފިޝަލުންނާއި ސިފައިން ގަތުލުއާންމުގެ މުއާހަދާގައި ބަޔާންކޮށްފައިވާ ފަސް އަމަލުގެ ތެރެއިން ސާބިތުވާ ހަތަރު އަމަލެއް ހިންގާފައިވާ ކަމުގެ އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ. އަދި ނަތަންޔާހޫގެ ވާހަކަތަކުން ގަތުލުއާންމު ހިންގުމުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިންވެސް ވަނީ ގަތުލުއާންމު ހުއްޓުވުމަށާއި އެހީ ފޯރުކޮށްދިނުމަށް އިސްރާއީލަށް އަމުރުކޮށްފައެވެ.
ޣައްޒާގައި މަރުވާ އާންމުންގެ އަދަދު މަދުކުރަން އިސްރާއީލު އަސްކަރިއްޔާއިން ކުރާ ވަރުގެ މަސައްކަތެއް އެހެން އެއްވެސް އަސްކަރިއްޔާއަކުން ނުކުރާ ކަމަށާއި، މަރުވާ މީހުންގެ ތެރޭގައި ހުއްޓުވަންޖެހޭ ހަނގުރާމަވެރިންނަށްވުރެ އާންމުންގެ ނިސްބަތް އުޅެނީ ދޭކުން އެކަކަށްވުރެ ކުޑަކޮށް ކަމަށް ނަތަންޔާހޫ ބުންޏެވެ. ނަމަވެސް، އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސްގެ ސިއްރު ޑޭޓާބޭސްއަކަށް ބިނާކޮށް 'ދަ ގާޑިއަން' އާއި '+972 މެގަޒިން' އަދި 'ލޯކަލް ކޯލް' ގުޅިގެން ކުރި ތަހުގީގަކުން ދައްކާ ގޮތުގައި، 2025 މޭ އާ ހަމައަށް މަރުވި ކަމަށް ފާހަގަކުރެވުނު 53،000 މީހުންގެ ތެރެއިން ހަނގުރާމަވެރިންނަކީ އެންމެ 8،900 މީހުންނެވެ. މިއީ މަރުވި މީހުންގެ 83 އިންސައްތައަކީ އާންމުންކަން ހާމަކޮށްދޭ އަދަދެކެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު، 2023 އޮކްޓޫބަރުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 73،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 175،000 މީހުން ވަނީ ޒަޚަމްވެފައެވެ.
ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ ބޮޑު ބަޔެއް ހަމާސްއިން ވަގަށް ނަގާ ކަމަށް ނަތަންޔާހޫ އދ. ގައި ކުރި ތުހުމަތުތަކަކީވެސް ހަގީގަތެއް ނެތް ވާހަކަތަކެކެވެ. ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އިން އޮކްޓޫބަރު 2023 އާއި މޭ 2025 އާ ދެމެދު ހިނގި އެހީ ގެއްލުމުގެ 156 މައްސަލައެއް ތަހުގީގުކޮށް ނެރުނު ރިޕޯޓުގައި، ހަމާސްއިން އެހީގެ ސާމާނު ވަގަށް ނަގައި ބޭނުންކުރާކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންވެސް ވަނީ އދ. އިން އެހީ ފޯރުކޮށްދިނުމަށް ގެންގުޅޭ ނިޒާމަކީ ކާމިޔާބު ނިޒާމެއް ކަމަށާއި، ހަމާސްއިން އެހީ ވަގަށް ނަގާ ކަމުގެ ހެކި ނެތް ކަމަށް އެއްބަސްވެފައެވެ.
ޣައްޒާއަށް ދެ މިލިއަން ޓަނުގެ ކާބޯތަކެތި އެތެރެކުރަން ފުރުސަތު ދީފައިވާ ކަމަށާއި، އެއީ ކޮންމެ ރައްޔިތަކަށް ޓަނެއްގެ ކާބޯތަކެތި ކަމަށް ބުނެ، ބޮޑުއަދަދުން ބަނޑަށްޖެއްސި ކަމަށް ކުރެވޭ ތުހުމަތުތައް ނަތަންޔާހޫ ދޮގުކުރިއެވެ. ނަމަވެސް، ޣައްޒާއަށް އެތެރެކުރާ އެހީގެ ސާމާނު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އިސްރާއީލުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ މާޗް 2 އިން މޭ 18 އަށް އިސްރާއީލުން ވަނީ އެހީ އެތެރެކުރުން އެއްކޮށް ހުއްޓުވާފައެވެ. އދ. ގުޅިގެން ނެރުނު އައިޕީސީ ރިޕޯޓުގައި 2025 އޮގަސްޓް މަހު ވަނީ ޣައްޒާގައި ބޮޑު ބަނޑުހައިހޫނުކަމެއް އޮތްކަން ކަށަވަރުކޮށްދީފައެވެ. އަދި 2026 ގެ ޑިސެމްބަރާ ހަމައަށް 1.4 މިލިއަން މީހުން ކާބޯތަކެތީގެ ނުރައްކާތެރި ތަދުމަޑުކަމަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ދޭ ހަމަލާތަކަކީ އެންމެ 150 ވަރަކަށް ކުޑަކުދިން ނުވަތަ ފުރާވަރުގެ ކުދިން ހިންގާ އަމަލުތަކެއް ކަމަށާއި، މަރުވީ އެންމެ ފަލަސްތީނު ދެތިން މީހުން ކަމަށް ނަތަންޔާހޫ ބުނި ބުނުމަކީވެސް ބޮޑު ދޮގެކެވެ. އދ. ގެ އޯޗާ (OCHA) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ޖުލައި 20 އާ ހަމައަށް އެކަނިވެސް ވަޒަންވެރިންގެ 1,330 އަށްވުރެ ގިނަ ހަމަލާ ރެކޯޑުކުރެވިފައިވެއެވެ. މިއީ ދުވާލަކު ހަ ހަމަލާއަށްވުރެ ގިނަ އަދަދެކެވެ. އަދި މި ހަމަލާތަކުގައި ފަލަސްތީނުގެ 18 މީހަކު ޝަހީދުވެފައިވާއިރު، 2023 ޖެނުއަރީން 2026 ޖުލައިއަށް ވަޒަންވެރިންގެ ހަމަލާތަކާ ހުރެ ފަލަސްތީނުގެ 121 އާބާދީއެއް ވަނީ އެއްކޮށް ނުވަތަ ބައެއް ގޮތްގޮތުން ގެދޮރުގެއްލި ހާލުގައި ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!