ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ސިލްސިލާ ޕްރޮގްރާމް، "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު އިޤްތިޞާދު އޮތީ ވަރަށް ދަތި ހާލެއްގައި ކަމަށާއި، ނަމަވެސް އެމަނިކުފާނު އިސްކަންދެއްވީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކޮށް، ރާއްޖެ ބަނގުރޫޓު ނުވެ ހިފެހެއްޓުމަށް ކަމަށެވެ. އަދި އިންވެސްޓަރުންގެ އިތުބާރު ހޯދަނީ ދަރަނި ދައްކައި ރައްޔިތުންގެ ބޭނުންތައް ފުއްދަމުން ކަމަށާއި، މި އަމާޒު ހާސިލްކުރަނީ ދައުލަތުގެ ރިޒާވް ހަރުދަނާކޮށްގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ރިޒާވް ދަށްވެ، އަސާސީ މުދާތައް އެތެރެކުރުމަށް ބޭނުންވާ މިންވަރަށްވެސް ފައިސާ ނެތް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާއިރު، ސަރުކާރުން ވަނީ އަސާސީ މުދާ މެދުކެނޑުމެއް ނެތި ލިބޭނެ މިންވަރަށް ރިޒާވް ދަމަހައްޓަމުންދާ ކަމަށް ބުނެފައެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތުން ރާއްޖޭގެ ރިޒާވް ތާރީޚުގައިވެސް މަތިނުވާ މިންވަރަށް މަތިވެ، ފެބުރުވަރީ މަހު 1.2 ބިލިއަން ޑޮލަރަށް މަތިކުރެވުނު ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމާއާއެކު ތެލުގެ އަގު އުފުލި، ވިޔަފާރީގެ މާހައުލު ބަދަލުވުމުގެ އަސަރު ދަރަނި ދެއްކުމަށް ކުރި މަސައްކަތަށް ކުރި ނަމަވެސް، 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ދަރަނިތައް ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާވީ، ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ދަރަނި ވީވަރަކުން ދައްކަމުން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަަށް، ޤައުމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް އިތުރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތް ރަނގަޅު ކުރުމުގައި އެމަސައްކަތް ކުރަށްވަމުން ގެންދަވާކަމަށެވެ.
''އެހެންވީމަ ރިޒާވް ދަށްވެފައި ހުރި ހުރުންވެސް އިރާދަކުރެއްވިއްޔާ މި މަސައްކަތުގެ ތެރެއިން ދެން ދާނީ ރަނގަޅުވަމުން." ރައީސް ވިދާޅުވިއެވެ.
ދަރަނި އަދާކުރުމުގެ ކަންކަން ކުރަނީ ހަމައެކަނި ރިޒާވުން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދަރަނި ދެއްކުމަށް ޤާއިމްކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުވެސް ތަރައްޤީކޮށް ކުރިއަށް ގެންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ފައިދާ މުސްތަޤުބަލުގައި ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ބޭރަށް ވަޑައިގަންނަވާއިރު ބާއްވާ އިންވެސްޓަރ ފޯރަމްތަކާއި އެކި ގޮތްގޮތުން ރާއްޖޭގައި ހުރި ފުރުޞަތުތައް ކިޔައިދެވޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމަ ބޮޑެތި ދުނިޔޭގެ ބޮޑެތި ބައިވަރު އިންވެސްޓަރުންނާއި ކުންފުނިތަކުން މިއަންނަނީ. އިރާދަކުރެއްވިއްޔަ ކުރިއަށް އޮތް ދުވަސްތަކުގައި، ބޮޑެތި އިންވެސްޓަރުންވެސް ކުދި އަދި މެދުފަންތީގެ އިންވެސްޓަރުންވެސް އަންނާނެ. މިސާލަކަށް ޓުއަރިޒަމް ސެކްޓަރވެސް މަސްވެރިކަމުގެ ސިނާޢަތްވެސް އަޅުގަނޑުމެން ސިންދަފާތު މިކުރަނީ. އަދި ކޮންމެ ދިމާލަކަށްވެސް ކޮންމެ ދައިރާއަކަށްވެސް، އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ކަމާއި ގުޅޭ އެކިކަހަލަ ވިޔަފާރިތައް އަންނާނެ އިރާދަކުރެއްވިއްޔާ." ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!