ޔުއޭފާ ނޭޝަންސް ލީގުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ފްރާންސް މޮޅުވި ނަމަވެސް، މެޗުގެ އެކަނި ގޯލު ޖެހި ކިލިއަން އެމްބާޕޭގެ ކަކުލަށް އަނިޔާވެ ދަނޑުން ބާާލަން ޖެހުމުން ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެއެވެ.

މިއީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

Ad
rt

އިސްތަންބޫލްގެ ބޭރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައިވާ އިޒްމިޓްގެ ކޮކައެލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ފްރާންސްގެ ތާރީޚުގައިވެސް އެންމެ ގިނަ ގޯލު ޖެހި އެމްބާޕޭ ވަނީ މައިކަލް އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ނަތީޖާ ނެރެދީފައެވެ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 67 ވަނަ ގޯލެވެ. ނަމަވެސް، އުފާފާޅުކުރި ވަގުތު ތަދާއެކު މޫނުމަތިން ނުރުހުންތެރިކަން ފެނުމަށްފަހު، ފަރުވާ ހޯދައިގެން ކުޅުން ކުރިއަށްގެންދަން މަސައްކަތް ކުރި ނަމަވެސް، ވާތު ކަކުލުގެ ބޭރުފަރާތުގައި އަތްލަމުން އެމްބާޕޭ ވަނީ ދަނޑުމަތީ އިށީންނަން ޖެހިފައެވެ. އެއަށްފަހު އޭނާގެ ބަދަލުގައި ދަނޑަށް ނުކުތީ ޑެސިރޭ ދޫއޭއެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފޯވާޑަށް ލިބުނު އަނިޔާގެ ތަފްސީލު ހޯދުމަށް ފްރާންސްގެ ގައުމީ ޓީމާއި ރެއާލް މެޑްރިޑުން މިހާރު އިންތިޒާރު ކުރަމުންދާއިރު، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފްރާންސުން ތިން މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. މި މެޗަކީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު 2030 ވަނަ އަހަރުގެ ނިޔަލަށް ފްރާންސްގެ ކޯޗުކަމާ ހަވާލުވި ޒިދާންގެ ފުރަތަމަ މެޗެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިން ޒިދާން، 2021 ވަނަ އަހަރު ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވިފަހުން މިއީ ސީނިއާ ކޯޗިންއަށް އޭނާ އެނބުރި އައި ފުރަތަމަ ފަހަރެވެ.

މިދިޔަ ވޯލްޑް ކަޕްގައި ކުރީގެ ކޯޗު ޑިޑިއޭ ދޭޝޯމްޕްގެ އިރުޝާދުގެ ދަށުން އެޓޭކްގެ މެދުތެރެއަށް ކުޅެ، 10 ގޯލާއެކު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި އެމްބާޕޭ، އާ ކޯޗު ޒިދާން ވަނީ މި މެޗުގައި ވާތުވިންގަށް ބަދަލުކޮށްފައެވެ. ޒިދާން ނެރުނު ފުރަތަމަ އެގާރައިގައި ވޯލްޑް ކަޕްގައި ކުޅުނު ޓީމާ ބޮޑެތި ތަފާތުތަކެއް ނެތް ނަމަވެސް، ބޯންމައުތުގެ އެޑްރިއަން ޓްރަފާޓް ވާތު ބެކަށް ނެރުނުއިރު، މެންޗެސްޓާ ސިޓީގެ ރަޔާން ޝެރްކީ ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ބަޔާން މިއުނިކްގެ ތަރި އޮލީސޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ތުރުކީގެ ގޯލްކީޕަރު އުގުރުޖާން ޗަކީރު ވަނީ މަތަކޮށްފައެވެ. އަދި ދެވަނަ ހާފު ފެށުނުތަނާ ތުރުކީގެ އަބްދުލްކަރީމް ބަރްދަކްޗީ ފޮނުވާލި ހަމަލާއެއް ފްރާންސްގެ ކީޕަރު މައިކް މައިގްނާން ވަނީ ދިފާއުކޮށްފައެވެ. އެމްބާޕޭގެ ގޯލަށްފަހު ފްރާންސްގެ ޖޫލްސް ކުންޑޭ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއެވެ.

މެޗުގެ ފަހުކޮޅު، ބަދަލު ކުޅުންތެރިޔާ ބްރެޑްލީ ބާކޯލާ އޭރިއާ ބޭރުން ގޯލަށް ނުރައްކާ ކުރަން އުޅެނިކޮށް، އޭރިއާ ބޭރުން އަތުން ބޯޅައިގައި ޖެހުމުން ތުރުކީގެ ކީޕަރު ޗަކީރަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ޖަރުމަނުގެ ރެފްރީ ފެލިކްސް ޒްވާޔާ ފުރަތަމަ ކުޅުން ކުރިއަށްގެންދަން އެންގި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ވަނީ ކީޕަރަށް ރަތް ކާޑު ދައްކާފައެވެ. ނޭޝަންސް လީގުގެ ގްރޫޕް އޭ1 ގައި ހިމެނޭ ފްރާންސް ދެން ނުކުންނާނީ ބްރަސެލްސްގައި ބެލްޖިއަމްއާ ދެކޮޅަށެވެ. އަދި ޒިދާންގެ ކުޅުންތެރިޔާގެ ހަޔާތް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އިޓަލީއާ ދެކޮޅަށް ނިންމާލިފަހުން، ކޯޗެއްގެ ގޮތުގައި އަމިއްލަ ގައުމުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ސްޓޭޑް ދެ ފްރާންސްގައި ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ. ވިޗެންޒޯ މޮންޓެއްލާގެ އިރުޝާދުގެ ދަށުން ކުޅޭ ތުރުކީ ދެން ބައްދަލުކުރާނީ އިޓަލީއާއެވެ.