ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭން، ޤާނޫނީގޮތުން ހިމާޔަތްކުރުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރާއްޖޭގައި މީގެ ކުރިން އެއް ސަރުކާރަކުން ފަށާ މަސައްކަތްތައް އަނެއް ސަރުކާރެއް އައުމުން ހުއްޓި، ޤައުމުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުވުމުގެ ސަބަބުން ރައްޔިތުންނަށް އެންމެ އެދެވޭ ކުރިއެރުން ނުލިބި ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސް، 2040 އާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭނަކީ ހަމައެކަނި ކަރުދާހެއްގައި އޮންނަ އެއްޗަކަށް ނުހަދައި، ސިޔާސީ އޮއިވަރުތަކުން ސަލާމަތްކޮށް ހިމާޔަތްކުރުމަށްޓަކައި ޚާއްޞަ ޤާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އދ. ގެ އާންމު މަޖިލީހުގައިވެސް މި މާސްޓަރޕްލޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި އެ ވާހަކަ ދެއްކެވި މައިގަނޑު ބޭނުންފުޅަކީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް އަމިއްލަ ފައިމައްޗަށް ތެދުވެ، ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް މަސައްކަތްކުރާކަން ހާމަކޮށްދެއްވުން ކަމަށެވެ.

މީގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެ، ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ދުރުރާސްތާގެ ޕްލޭނެއް އޮވެގެން މަސައްކަތްކުރުމުން އޭގެ ޙަޤީޤީ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.