އަންނަ އަހަރު ބާއްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް (އޭއެފްސީއޯއެން) ގެ ކޮލިފައިން ގްރޫޕް މަރުހަލާގެ ފުރަތަމަ މެޗުތަކުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) އާއި އައިވަރީ ކޯސްޓުން މޮޅުވެއްޖެއެވެ. ޑީއާރު ކޮންގޯއިން އިކުއޭޓޯރިއަލް ގިނީ ބަލިކުރިއިރު، އައިވަރީ ކޯސްޓުން ވަނީ ގާނާގެ މައްޗަށް ކުރިހޯދާފައެވެ.

ކިންޝާސާގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ޑީއާރު ކޮންގޯއިން އިކުއޭޓޯރިއަލް ގިނީގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަތަރުވަނަ މިނެޓުގައި ޑީއާރު ކޮންގޯގެ ކެޕްޓަން ޗާންސެލް އެމްބެމްބާ ބޮލުން ޖަހައި ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު މެޗު ނިމެން 18 މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ޔޯއާން ވިސާއެވެ. މީގެއިތުރުން ޑީއާރު ކޮންގޯއިން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިިއިރު، އެ ޓީމުން ޖެހި ދެ ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

Ad
rt

މިއީ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައި، މިދިޔަ ޖުލައި މަހު އެޓްލާންޓާގައި އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު ގޯލްޑަން 32 ގެ މެޗަށްފަހު ކޮންގޯއިން ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް، މިދިޔަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ސެނެގާލް އަތުން ބަލިވި މެޗަށްފަހު ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ސްޓޭޑް ދެ މާޓިއާސް ސްޓޭޑިއަމަށް ވަނުމުގެ ފުރުސަތު ދީފައިވަނީ އެންމެ 20،000 ސަޕޯޓަރުންނަށެވެ.

ގްރޫޕް ސީގައި ބުއާކޭގައި ކުޅުނު މެޗުގައި އައިވަރީ ކޯސްޓުން ވަނީ 2-0 އިން ގާނާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އޭރިއާ ބޭރުން ފޮނުވާލި ވަރުގަދަ ހަމަލާއަކުން މަލިކް ޔާލްކޫޔޭ އައިވަރީ ކޯސްޓަށް ލީޑު ނަގައިދިންއިރު، ގާނާގެ ކީޕަރު ލޯރެންސް އޭޓީ-ޒީގީއަށް އެ ބޯޅަ ސަލާމަތްކުރެވޭނެ ކަމަށް ބެލެވުނެވެ. ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ކާމިޔާބުކުރީ ފްރޭންކް ކެސީއެވެ. މުޅި މެޗުގައި 61 އިންސައްތަ ބޯޅަ ހިފަހައްޓައިގެން އައިވަރީ ކޯސްޓުން ކުޅުނުއިރު، 2025 ވަނަ އަހަރުގެ އޭއެފްސީއޯއެން އަށް ކޮލިފައިނުވި ގާނާއަށް މެޗުގެ 75 ވަނަ މިނެޓާ ހަމައަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ޓްރިޕޯލީގައި ސަޕޯޓަރުން ނުދައްކައި، ބަންދުކޮށްގެން ކުޅުނު މެޗުގައި ލީބިޔާ އާއި ބޮޓްސްވާނާ ވަނީ 2-2 އިން އެއްވަރުވެފައެވެ. ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ގުޅިގެން ސްޓޭޑިއަމް ބަންދުކޮށްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ތުމިސަންގް އޮރެބޮންޔޭ ޖެހި ދެ ލަނޑާއެކު ބޮޓްސްވާނާއިން ލީޑު ނެގިއެވެ. ނަމަވެސް 87 ވަނަ މިނެޓުގައި މަރުވާން އަލްހިބީޝީ ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއިރު، އިތުރު ވަގުތުގެ ތެރޭގައި ބޮޓްސްވާނާގެ ބަދަލު ކުޅުންތެރިޔާ މޯތުސީ ކޫޕާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެޒޫ އެލް މަރިއާމީ ވަނީ ލީބިޔާއަށް އެއްވަރުކޮށްދީފައެވެ.

ބުރާސްފަތި ދުވަހު ކުޅުނު އާލީ މެޗުތަކުގެ ތެރެއިން މޮރޮކޯގެ ކެސާބްލާންކާގައި ކުޅުނު މެޗުން މޮރިޓޭނިއާއިން ވަނީ 3-1 އިން ސެންޓްރަލް އެފްރިކަން ރިޕަބްލިކް ބަލިކޮށްފައެވެ. މި މެޗުގައި ދައުދާ ކަމާރާ ވަނީ ގޯލްކީޕަރުގެ ބޮލުމަތިން އޮއްސާލައިގެން ރީތި ލަނޑެއް ޖަހާފައެވެ. މީގެއިތުރުން ބެތުއެލް މުޒެއު ޖެހި އެކަނި ލަނޑުން ނަމީބިޔާއިން ކޮންގޯ ބަލިކުރިއިރު، ކެމަރޫން ވަނީ 3-1 އިން ކޮމޯރޯސް ބަލިކޮށްފައެވެ. އަދި ޓިއުނީޝިއާ އާއި ޔުގާންޑާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.