ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ލިޔެކިޔުންތަކާއި ޚާރިޖީ ބަޔާންތަކަކުން ނިންމާލެވޭނެ ގުޅުމެއް ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ސީދާ ފެންނަމުންދާ ބަދަހި ގުޅުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޗައިނާ އާއި ރާއްޖެ އާއި ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން އިތުރު ފުރުޞަތުތައް ފަހިވަމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، މިއީ ހަމައެކަނި ލިޔެކިޔުމަށް އައި ބަދަލެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޗައިނާއާއި ރާއްޖޭގެ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޗައިނާއާއި ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާންތަކެއް ނޫން ކަމަށެވެ. އަދި އެއީ ލޮލަށް ފެންނަން އޮތް ރައްޔިތުންނަށް ތަޖުރިބާ ކުރެވޭ ގުޅުމެށްކަމަށް ވިދާޅުވިއެވެ.
''އެއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އޭގެ އަސަރުކުރާ ގުޅުމެއް. އަޅުގަނޑުމެން ޤައުމީ ތަރައްޤީގައި، ސަރަހައްދީ ތަރައްޤީގެ މަސައްކަތުގައި، ރަށްރަށުގެ ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީގެ ތެރެއިން ތަޢުލީމާއި މުވައްސަސާތަކުގެ ފަންނީ ތަމްރީނާއި އެހީތެރިކަމުގެ ތެރެއިން މި ގުޅުން ފެނިގެންދޭ. އަދި އަޅުގަނޑުމެން ގުޅުމުގެ ވަރުގަދަކަން ހާމަވަނީ އަޅުގަނޑުމެން ސޮއިކުރާ އެއްބަސްވުމަކުންނެއް ނޫން. އެ އެއްބަސްވުންތަކުން ހާސިލްކުރެވޭ ކަންކަމުން." ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ ވާހަކަފުޅުގައި، ދެ ޤައުމު ސަރަޙައްދީ ގޮތުން ދުރުގައި އޮތްނަމަވެސް، ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ އެކުވެރިކަން އެންމެ ބޮޑަށް ދައްކުވައިދެނީ މި ގުޅުމުން ކަމަށް ވިދާޅުވިއެވެ. މި ގުޅުން ބިނާވެފައިވަނީ އިޙުތިރާމާއި އިސްތިޤުލާލާއި ސުލްހަމަސަލަސްކަމުގެ މައްޗަށް ކަމަށާއި، ''ވަން ޗައިނާ ސިޔާސަތު''ގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން ސިނަމާލެ ބްރިޖަކީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިންމު ބިނާއެއްކަން ފާހަގަކުރައްވައި، ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެއިން ކުރާ ދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!