އއ. މަތިވެރީ ބަނދަރު ސަރަޙައްދަށް ޖަމާވާ މިޔަރުތައް ބަލައިލުމަށް ޚާއްޞަކޮށްގެން އެރަށު ކައުންސިލުން އިސްނަގައިގެން ތަރައްޤީކުރި "މިޔަރު ވެހި" ރަސްމީކޮށް އާންމުންނަށް ހުޅުވައިލައިފިއެވެ.
"މިޔަރު ވެހި" ހުޅުވުމުން، ހިތްފަސޭހަ ކަމާއެކު، އިށީނދެ ތިބެ، ގާތުން މިޔަރު ބެލުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.
އިއްޔެ ހަވީރު މިކަމަށް ޚާއްޞަކޮށްގެން މަތިވެރީ ބަނދަރު ސަރަޙައްދުގައި ބޭއްވި ޙަފްލާގައި މި ވެހި ހުޅުވައިދެއްވީ ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބުއެވެ.
ފަތުރުވެރިންތަކެއް މަތިވެރީ މިޔަރު ވެއްސަށް ޖަމާވެފައިވާ މިޔަރުތައް ބަލަނީ، ފޮޓޯ: ކައުންސިލް
މި ޙަފްލާގައި، މަތިވެރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެންގެވުމުގެ މަތިން، ރަށުގެ ގޭބިސީތަކުގެ ބައިވެރިވުމާއެކު ތައްޔާރުކުރެވުނު ހަވީރުގެ ސައިފޮދެއް ރައްޔިތުންނަށް ދީފައިވެއެވެ.
މަތިވެރީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ކައުންސިލުގެ ކުރެހުމާއި އެއްގޮތަށް މި ވެހި ބިނާކޮށްދެއްވީ، މިރަށު ނަސީމީމަންޒިލް މޫސާ ޙަސަނާއި މަތިވެރީގައި ޤާއިމުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މަތިވެރީ ސައިޓުގެ މުވައްޒަފުންނެވެ.
މަތިވެރީގެ ކުދިބޮޑުއެންމެން މިޔަރު ވެހިން ހިތްއުފާކޮށްލަނީ، ފޮޓޯ: ކައުންސިލް
މި މަޝްރޫއާއި މި ޙަފްލާއަށް އެކިގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި އެންމެހައި ފަރާތްތަކަށާއި ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ސައި ތައްޔާރުކޮށްދެއްވި ރަށުގެ ލޮބުވެތި ކަނބަލުންނަށް ކައުންސިލުން ވަނީ ޝުކުރު ދަންނަވާފައެވެ.
"މިޔަރުވެހި" ރަސްމީކޮށް ހުޅުވުމާއެކު ފަތުރުވެރިންނާއި، ކުޑަކުދިން އެ ތަނަށް ޖަމާވެ، މިޔަރުތައް ފޮޓޯނަގާ މަންޒަރު ފެނިފައިވެއެވެ. އެހެންކަމުން މަތިވެރީ މިޔަރު ވެއްސަކީ ފަތުރުވެރިންނާއި ކުޑަކުދިންގެ މެދުގައި ނުހަނު މަޤްބޫލު، އެންމެން ގަޔާވާފަދަ ހިތްގައިމު މަންޒިލަކަށް ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!