2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވި ހާދިސާއަކީ ކަރަންޓު މައްސަލައަކުން ހިނގި ހާދިސާއެއް ކަމަށާއި، އެއީ ގަސްތުގައި ރޯކޮށްލި އަލިފާނެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިކަން ހާމަކުރީ އެ ހާދިސާގެ ތަހުގީގަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ތަހުގީގުގައި 14 ކެމެރާއަކުން 676 ގަޑިއިރުގެ ވީޑިއޯ ފޫޓޭޖް ފުލުހުން ވަނީ ތަހުލީލުކޮށްފައެވެ.

Ad
rt

ރާއްޖެއިން ބޭރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ތަހުގީގާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ ޚިދުމަތުން ބުނީ، އަލިފާން ރޯވި ދުވަހުގެ ރޭ އެ އޮފީސްތައް ބަންދުކުރުމާއި، ޖެހިގެން އައި ދުވަހު މުވައްޒަފުން އޮފީހަށް އައުމާ ދެމެދު އިތުރު އެއްވެސް ފަރާތަކުން އެ އިމާރާތަށް ވަދެފައިނުވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

"މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކުން އެއްވެސް މީހަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ އެއްވެސް ކަމެއް ފާހަގަވެފައިނުވޭ،" ފުލުހުން ބުނެފަވެއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، އަލިފާން ރޯވި ތަން ދެނެގަތުމަށް އެންމެ ބޮޑު ދަތިތަކެއް ފަޔަރ ފައިޓަރުންނަށް ކުރިމަތިވީ އިމާރާތުގެ ކަރަންޓު ވަޔަރިންގެ މަސައްކަތްކޮށްފައިވާ ގޮތުން ދަތި ދޭތެރެތަކުގައި ނަރުތައް އަޅާފައި ހުރުމުގެ ސަބަބުންނެވެ. އަދި އެ ނަރުތަކުގެ ފޮރެންސިކް ތަހުލީލުތަކުން ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ އިރު، އެ އިމާރާތުގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓު މައްސަލަ ހުރިކަން ތަހުގީގަށް މުވައްޒަފުންވެސް ހާމަކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ދުވަހުގެ ފަތިހު 05:33 އިން ފެށިގެން 07:17 އާއި ދެމެދުގެ ވީޑިއޯ ފޫޓޭޖާއި ބައެއް ފޮޓޯތައް އާންމުކޮށްފައެވެ. އެ ފޫޓޭޖުން ފެންނަ ގޮތުގައި ފަތިހު 5:33 ގައި ހައުސިން މިނިސްޓްރީގެ ގޯތިތެރެއިން ކަރަންޓު ކަނޑައިގެންދެއެވެ. އަދި އޭގެ 45 ވަރަކަށް މިނެޓު ފަހުން، އެ މިނިސްޓްރީގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާއާ ދެމެދު ހުރި ކަރަންޓު ނަރުތަކެއްގައި ރޯވެ، ގްރީން ބިލްޑިންގައި ހުރި ބިދޭސީ ސެކިއުރިޓީ ގާޑަކު ހަރަކާތްތެރިވާ ތަން ފެނެއެވެ.

ކަމާގުޅޭ އިދާރާތަކަށް އެ ހާދިސާ ރިޕޯޓުކުރަން ގުޅާނެ ނަމްބަރެއް ނޭނގުމާއި ފޯނުގައި ކްރެޑިޓް ނެތުމުގެ ސަބަބުން އެ ބިދޭސީ މީހާ އެއްތަނުން އަނެއް ތަނަށް ދުވާ ތަން ވީޑިއޯއިން ފެނެއެވެ. ނަމަވެސް، ހެނދުނު 6:15 ހާއިރު ގްރީން ބިލްޑިން ކުރިމަތިން ސައިކަލުގައި ދިޔަ އޮފް-ޑިއުޓީ ސިފައިންގެ މީހަކު ހުއްޓުވައި އެހީތެރިކަން ހޯދުމުން، އެ ސިފައިންގެ މީހާ ވަނީ 6:17 ގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް ގުޅާފައެވެ. އެއަށްފަހު، ނަރުތަކުގައި ރޯވި އަލިފާންގަނޑު ފެންޖަހައިގެން އެ ބިދޭސީ މީހާ ނިއްވާލި ނަމަވެސް، ދުންއެރުން ނުހުއްޓޭތީ ހައުސިން މިނިސްޓްރީގެ ސެކިއުރިޓީއަށް ރިޕޯޓުކުރަން ގްރީން ބިލްޑިންގެ ސެކިއުރިޓީ އޮފިސަރާއި ސިފައިންގެ މީހާ އެ އިމާރާތަށް ވަންނަ ތަން ފޫޓޭޖުން ފެނެއެވެ.

އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ސީންއަށް އައިސްފައިވަނީ ހެނދުނު 06:35 ގައެވެ. އަދި އިމާރާތުގައި އަލިފާން ރޯވެފައިވާ ތަނެއް ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށް، ހައުސިން މިނިސްޓްރީގެ ތިރީ ފަންގިފިލާގެ ސީލިން އަދި ފުރަތަމަ ފަންގިފިލާގެ ޑެކުގައި ރޯވެފައި ހުރި ތަން ފެނިގެން ނިއްވާލި މަންޒަރު ފަޔަރ ފައިޓަރުންގެ ބޮޑީ ވޯން ކެމެރާއިން ފެންނަން ހުއްޓެވެ. ނަމަވެސް، ސިފައިން ހަރަކާތްތެރިވަމުން ދަނިކޮށެވެ. ހެނދުނު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 12:40 ހާއިރު ކަމަށްވާއިރު، އެއްކޮށް ނިއްވާލެވުނީ މެންދުރުފަހު 3:30 ގައެވެ.

މި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށް އަނދައިގެން ގޮސްފައިވާއިރު، އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެތަނާ ޖެހިގެން ހުރި މާލެ ސިޓީ ކައުންސިލްގެ އޮފީހަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެއިތުރުން، ކައިރީގައި ހުރި 3 ގެއެއްގެ 9 އެޕާޓްމަންޓަކަށާއި 2 ފިހާރައަކަށްވެސް އެކިވަރުގެ ގެއްލުން ލިބުނެވެ. ފުލުހުން ހާމަކުރި ގޮތުގައި، އަލިފާން ރޯވި އިމާރާތްތަކުގެ ތެރެއިން އިންޝުއަރެންސް ކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އިމާރާތް އެކަނިކަމަށް ފުލުހުން ވަނީ ބުނެފައެވެ.