ސިނަމާލެ ބްރިޖްގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖްގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައެވެ. އަދި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 2:21 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި މަޑުކޮށްފައި ހުރި ސައިކަލެއްގައި، ފަހަތުން ދުއްވާފައި އައި އެހެން ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި އެ މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!