ހއ. ހޯރަފުށީ ސިއްޙީ މަރުކަޒުގައި އެ ރަށުގެ އުފަން ދަރިއަކު، މެޑިކަލް އޮފިސަރެއްގެ ގޮތުގައި ޚިދުމަތް ކުރަން ފައްޓަވައިފިއެވެ.
ހޯރަފުށީ ޞިއްޙީމަރުކަޒުން ބުނީ، މިއީ އެ މަރުކަޒުގެ 48 އަހަރުވީ ދިގު ޚިދުމަތުގެ ތާރީޚުގައި، އެ ރަށުގެ އުފަން ދަރިއަކު ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ފުރަތަމަ ފަހަރެވެ.
މިއީ އެ މަރުކަޒަށާއި ހޯރަފުށީގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ތާރީޚީ ޚާއްޞަ މުނާސަބަތެކެވެ.
ޑރ. އާކިފް އަށް ހޯރަފުށީ ކައުންސިލާއި ޑަބްލިޔުޑީސީން މަރުޙަބާ ދެންނެވުން، ފޮޓޯ: ހޯރަފުށީ ކައުންސިލް
މި ތާރީޚީ ކާމިޔާބީއާއެކު ހޯރަފުށީ ސިއްޙީ މަރުކަޒުގެ ޚިދުމަތާ އަލަށް ގުޅިވަޑައިގެންނެވި ޑޮކްޓަރަކީ ޑރ. އިބްރާހީމް އާކިފް އަޙުމަދެވެ.
ރަށުގެ އުފަން ދަރިއަކު ސިއްޙީ ޚިދުމަތަށް ނުކުމެވަޑައިގަތުމަކީ ހޯރަފުށީގެ ސިއްޙީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.
ޑރ. އާކިފް އަށް ހޯރަފުށީ ސިއްހީ މަރުކަޒުން މަރުޙަބާ ދެންނެވުން، ފޮޓޯ: ހޯރަފުށީ ސިއްހީ މަރުކަޒު
ޑރ. އާކިފް ޚިދުމަތަށް ނުކުމެވަޑައިގަތުމާ ގުޅިގެން ހޯރަފުށީ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ފެށިގެން ދައުލަތާއި ސަރުކާރުގެ އެ ކި މުއައްސަސާތަކާއި ކުންފުނިތަކުގައި ހޯރަފުއްޓަށް ނިސްބަތްވާ ވަރަށް ތަޢުލީމީ ޤާބިލް ބޭފުޅުން މިހާރު ވެސް އަންނަނީ ޚިދުމަތް ކުރަށްވަމުންނެވެ. އަދި ތާރީޚީގޮތުން ވެސް އެރަށަކީ ތަޢުލީމީ ދަރިންތަކެއް ފެނިގެންދިޔަ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!