އިސްރާއީލުން ދެމުންދާ ބޮމުގެ ހަމަލާތަކާއި ބަންދުކުރުންތަކުން ފަލަސްތީނުގެ ރައްޔިތުންގެ ރޫހު ނައްތާނުލެވޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އެއާއެކު، ޣައްޒާއަކީ އާންމުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމުގައި ބައިނަލްއަގުވާމީ ނިޒާމުތައް ނުކުޅެދިފައިވާކަމުގެ ރަމްޒެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.

Ad
rt

ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މާޒީގައި އެކުލެވޭ ފާރުގަނޑެއްގެ ގޮތުގައި ސިފަކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ، އެތައް ދަހަރެއް ވަންދެން ގަރާރުތައް ފާސްކުރި ނަމަވެސް، އިސްތިއުމާރާއި އަނިޔާވެރިކަން އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ނިޒާމުތަކަށް އެ އަނިޔާވެރިކަން ހުއްޓުވުމުގައި އެދެވޭ ނަތީޖާއެއް ނެރެދެވިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަމިއްލަ ބިމުން ނެރެލުމުންނާއި ގެދޮރަށް ބޮން އެޅުމުން ދެކޮޅުވެރިކަން ދެއްކުމަކީ އިންސާނީ ތަބީއަތް ކަމަށް އިޝާރާތް ކުރައްވައި އީރާނުގެ ރައީސް ވިދާޅުވީ، އިސްރާއީލުން ދޭ ބޮމުގެ ހަމަލާތަކާއި ހިސާރުކުރުންތަކުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ އިހުތިޖާޖާއި ދެކޮޅުވެރިކަން ހުއްޓުވައި ނުލެވޭނެ ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި 70،000 އަށްވުރެ ގިނަ މައުސޫމް ރައްޔިތުން ރަހުމެއްނެތި ޤަތުލު ކޮށްފައިވާކަން ފާހަގަކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ، އެވަރުގެ ބޮޑު ޖަރީމާއެއް ހިންގަމުންދާއިރުވެސް، މަޝްވަރާގެ މޭޒުމަތީގައި އޮތް އީރާނަށް ބޮން އަޅައި، ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދަބުތައް ދެމުންދަނީ އީރާނަށް ކަމަށެވެ.

އީރާނުގެ މާޒީއަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އީރާނުން ވޭތުވެދިޔަ 200 އަހަރު ތެރޭގައި އެއްވެސް ގައުމަކަށް ހަމަލާއެއް ދީފައިނުވާނެ ކަމަށެވެ. ނަމަވެސް އެ ގައުމަކީ ސަރަހައްދީ ނުވަތަންކަން އުފައްދާ، ޓެރަރިސްޓް ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ލޭބަލް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގައުމުގެ ދިފާއީ ގާބިލުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވީ، އީރާނުގެ ދިފާއީ ނިޒާމުތައް ބިނާކޮށްފައިވަނީ އީރާނުގެ ރަށްތަކަށް ބޮންއެޅުމުން އެކަމަށް ރައްދުނުދީ ނުހުންނާނެކަން އެންމެންނަށްވެސް އެނގޭނެ ގޮތަށް ކަމަށެވެ. އަދި އަމިއްލަ ގައުމު ދިފާއުކުރުމަށްޓަކައި އެއްވެސް ފަރާތެއްގެ ހުއްދައަކަށް އީރާނުން އެދެން އަދި އިންތިޒާރުކުރަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.