އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، މާލެ އަދި ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ލިޓަރަސީ އަދި ސްކޭމް އެވެއަރނަސް ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމުކޮށް ހިންގާ ސްކޭމްތައް ދެނެގަތުމަށާއި، ޑިޖިޓަލް ޚިދުމަތްތައް އިތުބާރާއެކު ރައްކާތެރިކޮށް ބޭނުންކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމުގެ މައްޗަށެވެ.
ސްމާޓްފޯނާއި، ޑިޖިޓަލް ޕޭމަންޓްތަކާއި، އޮންލައިން ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، ސްކޭމްތަކާއި މަކަރާއި ހީލަތުން ކުރާ މުއާމަލާތްތަކަކީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަންބޮޑުވުމެކެވެ. ޚާއްސަކޮށް ބަދަލުވަމުންދާ ޑިޖިޓަލް ނުރައްކާތަކަށް މާބޮޑަށް އަހުލުވެރިވެފައިނުވާ ފަރާތްތަކަށް މިއީ ބޮޑު ނުރައްކަލަކަށް ވެފައިވާއިރު، ޑިޖިޓަލްވަމުންދާ މުޖުތަމައެއްގައި އެންމެންނަށްވެސް ރައްކާތެރިކަމާއެކު ބައިވެރިވެވޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އުރީދޫ މޯލްޑިވްސްއިން މި ސެޝަންތައް އިންތިޒާމުކުރީ އޮންލައިންކޮށް ރައްކާތެރިވުމަށް ބޭނުންވާ އަމަލީ މައުލޫމާތު އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދިނުމަށެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްކޭމްތަކަށް ހޭލުންތެރިކުރުވުމުގެ މައްޗަށެވެ. އެގޮތުން މަކަރާއި ހީލަތުން ކުރާ ކޯލްތަކާއި މެސެޖުތަކާއި، ފިޝިންގ ލިންކްތަކާއި، އެހެން މީހަކަށް ހެދިގެން އޮޅުވާލަން މަސައްކަތްކުރުމާއި، އަދި މާލީ ނުވަތަ ޒާތީ މުހިންމު މައުލޫމާތު ހޯދަން އެދުން ފަދަ އާންމުކޮށް ހިންގާ ސްކޭމްތަކުގެ ބާވަތްތަކަށް ބައިވެރިން އަހުލުވެރިކުރުވިއެވެ. މީގެ އިތުރުން، ޕާސްވޯޑާއި، އޯޓީޕީއާއި، ބޭންކިންގ މައުލޫމާތާއި، އަދި އެހެނިހެން ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ޝައްކުކުރެވޭ ފަދަ މުއާމަލާތަކާ ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތަކަށްވެސް އަލިއަޅުވާލާފައިވެއެވެ.
ސްކޭމްތަކަށް ހޭލުންތެރިކުރުވުމާއި އޮންލައިން ރައްކާތެރިކަމާ ގުޅޭގޮތުން އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މަންދޫބުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. ފުލުހުންގެ މަންދޫބުން ވަނީ ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަންނާނެ ގޮތާއި މަކަރާއި ހީލަތުން ރައްކާތެރިވާނެ ގޮތުގެ އަމަލީ އިރުޝާދު ބައިވެރިންނަށް ފޯރުކޮށްދީފައެވެ.

ސްކޭމްތަކަށް ހޭލުންތެރިކުރުވުމުގެ އިތުރުން، މި އިންޓަރެކްޓިވް ޕްރޮގްރާމްގައި ސްމާޓްފޯނާއި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ޚިދުމަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އިރުޝާދު ދީފައިވެއެވެ. ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ލިބި، އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިއީ ޑިޖިޓަލް ދުނިޔޭގައި އުޅޭއިރު އިތުބާރާއެކު އަމިއްލައަށް ކަންކަން ކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ އިސްރަށްވެހިންގެ ނާދީއާއެކު ޒަމާންވީ ގުޅުމެއް ދަމަހައްޓައި، 2018 ވަނަ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އެންމެ ފަހުގެ ޕްރޮގްރާމަކީ އެ ގުޅުމުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ އިތުރުން، އެންމެން ޝާމިލުވާ އަދި ރައްކާތެރި ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން ވެފައިވާ ފުޅާ ވައުދަށް ލިބުނު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ފަދަ މުއައްސަސާތަކާއި މުޖުތަމައުގެ ބައިވެރިންނާއެކު މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޑިޖިޓަލް ހޭލުންތެރިކަން އިތުރުކޮށް، އޮންލައިންކޮށް ރައްކާތެރިކަން ކަށަވަރުކުރަމުން ޓެކްނޮލޮޖީގެ ފައިދާ ހޯދުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު މުޖުތަމައުތަކަށް ފޯރުކޮށްދިނުން ކަމަށްވެސް އުރީދޫއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!