މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ޑރ. ޔާސިރު ބިން ރާޝިދު އަލްދައުސަރީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން އިޢުލާން ކުރެއްވީ، މިރޭ ކުރިއަށްދިޔަ 38 ވަނަ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ. ޝަހީމް ވިދާޅުވީ، މައްކާގެ ހަރަމްފުޅުގެ އިމާމަކު އެންމެ ފަހުން ރާއްޖެއަށް ޒިޔާރާތް ކުރައްވާފައިވަނީ 43 އަހަރުގ ކުރިން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އަސްލު ޔާސިރު އައް ދައުސަރީއަށް ދައުވަތު އެރުވީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއަށް ކަމަށާއި ނަމަވެސް އެމަނިކުފާނަށް އެދުވަހަށް ވަޑައިގެންނެވޭ ގޮތް ނުވެވުނު ކަމަށާއި އެހެން ނަމަވެސް މިހާއު ސަރުކާރުން ބަލަމުން އަންނަނީ މިހާރު ހިނގަމުން އަންނަ އޯލެވެލް އިމްތިހާނު ނިމޭއިރަށް ދަތުރުގެ ތާރީހު ހަމަޖެއްސުމަށް ކަމަށެވެ.
ޑރ. ޔާސިރު ދައުސަރީއަކީ 2019 ވަނަ އަހަރުން ފެށިގެން މަސްޖިދުލްޙަރާމްގެ އިމާމުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ. ޑރ. ދައުސަރީ ވަނީ ދީނީ ޚިދުމަތްތަކުގެ އިތުރުން ތަޢުލީމީ ދާއިރާގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކިންގް ސުޢޫދު ޔުނިވަރސިޓީގައި ކިޔަވައިދެއްވުމުގެ އިތުރުން އުންމުލްޤުރާ ޔުނިވަރސިޓީގެ ކޮލެޖް އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. މީގެއިތުރުން، 1995 ވަނަ އަހަރުން ފެށިގެން ރިޔާޟުގެ ތަފާތު މިސްކިތްތަކުގައި އެބޭފުޅާ ވަނީ އިމާމުކަން ކުރައްވާފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެއީ، 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރު އެވެ. ޑރ. ޞަލާޙުލް ބުދައިރުގެ އެ ދަތުރުފުޅުގައި ޑރ. މުޙައްމަދު މުޢިއްޒުއަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވި އެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާވެސް ބައްދަލުކުރެއްވި އެވެ. އޭގެއިތުރުން ދީނީ ޢިލްމުވެރިންނާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި، ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާވެސް ބައްދަލުކުރެއްވި އެވެ. ފަސް ދުވަހުގެ އެ ދަތުރުފުޅުގައި، ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވި އެވެ.
ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް 15 ޖޫން 2015 (29 ޝަޢުބާން 1436) ގައި ނެރުއްވި އަމުރުފުޅަކާއެކު، ޑރ. ދައުސަރީ ވަނީ މަސްޖިދުލްޙަރާމްގެ ތަރާވީޙް އަދި ތަހައްޖުދު ނަމާދުތަކުގެ މެހުމާނު އިމާމެއްގެ ގޮތުގައި ފަސް އަހަރު ދުވަހު އިމާމުވެ ނަމާދު ކުރައްވާފައެވެ. އެއަށްފަހު، 12 އޮކްޓޯބަރު 2019 (13 ޞަފަރު 1441) ގައި ރަސްގެފާނު ސަލްމާން ވަނީ އޭނާއަކީ މަސްޖިދުލްޙަރާމްގެ ދާއިމީ އިމާމެއްގެ ގޮތުގައި އައްޔަންކުރައްވާފައެވެ.
ޑރ. ދައުސަރީ ދާއިމީ އިމާމެއްގެ ގޮތުގައި މަސްޖިދުލްޙަރާމްގައި އެންމެ ފުރަތަމަ ނަމާދު އިމާމުވެ ކުރެއްވީ 13 އޮކްޓޯބަރު 2019 ވީ ހޮނިހިރު ދުވަހުގެ މަޣްރިބް އަދި ޢިޝާ ނަމާދެވެ. އިމާމުކަމަށް އައްޔަންކުރެވުނުތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން، 16 ޑިސެމްބަރު 2022 ގައި، ރަސްގެފާނު ސަލްމާންގެ ތާއީދާއެކު ޝައިޚް ޢަބްދުއްރަޙްމާން އަލްސުދައިސް ވަނީ ޑރ. ދައުސަރީއަކީ މަސްޖިދުލްޙަރާމްގެ ޚަތީބެއްގެ ގޮތުގައިވެސް އައްޔަންކުރެއްވިކަން އިޢުލާން ކުރައްވާފައެވެ.

މަސްޖިދުލްޙަރާމްގެ އިމާމެއްގެ ގޮތުގައި ފުރުއްވި ހަތަރު އަހަރުގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެބޭފުޅާ ވަނީ އެ މަޤާމުން އެކަހެރިވެވަޑައިގެންފައެވެ. ނަމަވެސް، އެބޭފުޅާ އަލުން އެ މަޤާމަށް އަންނަން ގިނަ ބަޔަކު އެދުނުއިރު، އޮންލައިން ސަރވޭއަކުން ދެއްކި ގޮތުގައި 94 އިންސައްތަ މީހުންވަނީ އަލުން އިމާމުކަމަށް އައްޔަންކުރުމަށް އެދިފައެވެ. މީގެއިތުރުން "އިންސާން" މަޖައްލާއިން ނެރުނު ލިސްޓެއްގައި ޔާސިރު ވަނީ ސަޢޫދީ މުޖުތަމަޢާއި ޢަރަބި ދުނިޔޭގައި އެންމެ ނުފޫޒުގަދަ ޝަޚްޞިއްޔަތުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!