ޅ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ޅ. ނައިފަރާއި ޅ. އޮޅުވެލިފުށީގައެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ހިތްވަރު، އަނަސް އަބްދުﷲ (19އ) އާއި، ޅ. އޮޅުވެލިފުށި، ކޮތަރިވިލާ، މުޙައްމަދު މިފްޒާލް (25އ) އަދި ޅ. އޮޅުވެލިފުށި، ޑައިމްވިލާ، އަޙްމަދު އާދިލް (20އ) އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
މި ދެ އޮޕަރޭޝަންގެ ތެރެއިން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް ހައްޔަރުކޮށްފައި ވަނީ އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިސްގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގުރާމެވެ.
ދެވަނަ އޮޕަރޭޝަނަކީ ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ނައިފަރު ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އަޙްމަދު އާދިލް ނައިފަރުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 10.79 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް އަށް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަޙްމަދު އާދިލް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!