އދ. އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ޕޯޑިއަމްކައިރިއަށް ޖެހިލުމާއެކު، ގިނަ ގައުމުތަކެއްގެ ދިޕްލޮމޭޓުން އޭނާއަށް ނުރުހުން ފާޅުކޮށް މާލަމުން ނުކުމެޖެއެވެ.

100 އަށްވުރެ ގިނަ ދިޕްލޮމޭޓުން ހިމެނޭ ގޮތަށް އެތައް ގައުމެއްގެ މަންދޫބުން ވަނީ ތެދުވެ، އަޑުގަދަކޮށް ނުރުހުމުގެ އަޑުތައް ލައްވަމުން އާންމު މަޖިލީހުގެ މާލަން ދޫކޮށް ގޮސްފައެވެ. މިއާއެކު ނަތަންޔާހޫ ތަގުރީރު ކުރަން ޖެހުނީ ގިނަ ގޮނޑިތަކެއް ހުސްކޮށް އޮތް މާލަމެއްގައެވެ.

Ad
rt

މި ބޮއިކޮޓްގައި މަދުވެގެން 77 ގައުމެއްގެ މަންދޫބުން މާލަމުން ނުކުމެފައިވާ އިރު، ނަތަންޔާހޫ ތަގުރީރު ފެށިއިރު އެ ހާޒިރުގައި ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުން ވަނީ ތެދުވެ ނުރުހުން ފާޅުކޮށްފައެވެ. މާލަމުގައި އުފެދުނު އަޑުގަދަވުމާއި ނުރުހުމުގެ އަޑު ހުއްޓުވައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، އދ. ގެ ރިޔާސަތުން ވަނީ އެތައް ފަހަރަކު މުގުރު ޖައްސަވައި، ''އޯޑަރު''ގެ އިންޒާރާއެކު ހިމޭނުން ތިއްބެވުމަށް ޑިޕްލޮމޭޓުންގެ ކިބައިން އާދޭސްކޮށްފައެވެ.

ނަތަންޔާހޫގެ ތަގުރީރު އޮތުމުން ބައެއް ގައުމުތަކުން ވަނީ އެ ހެނދުނުގެ ސެޝަނަށް ހާޒިރުނުވާން ވެސް ކުރިން ނިންމާފައެވެ. އެހެންވެ އެ ގައުމުތަކުން މި ސެޝަަނަށް ނުވަދެއެވެ.

މި އިހުތިޖާޖު އިސްވެ ރޭވީ އަރަބި އަދި އިސްލާމީ ގައުމުތަކުންނެވެ. އޭގެ ތެރޭގައި ސަރަހައްދީ އަވަށްޓެރި ގައުމުތައް ކަމަށްވާ އުރުދުން، މިސްރު އަދި ޕާކިސްތާން ހިމެނެއެވެ. މީގެ އިތުރުން ލެޓިން އެމެރިކާ، އެފްރިކާ އަދި ޔޫރަޕުގެ ގައުމުތައް ކަމަށްވާ ސްޕޭން، އަޔަރލޭންޑް އަދި ސައުތު އެފްރިކާގެ މަންދޫބުންވެސް މާލަމުން ނުކުމެފައިވެއެވެ. ނަމަވެސް، އިސްރާއީލުގެ މުހިންމު މަދަދުގާރު ކަމަށްވާ އެމެރިކާގެ މަންދޫބުން މާލަމުގައި ތިއްބެވިއިރު، ނަތަންޔާހޫ ތަގުރީރު ދެމުން ދިޔައިރު އެ ބޭފުޅުން ވަނީ އަތްޖައްސަވާފައެވެ. މީގެއިތުރުން ''އިބްރާހީމީ އެއްބަސްވުމުގައި'' ސޮއިކޮށްފައިވާ ބަޙްރައިން އާއި ޔުނޭޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ މަންދޫބުންވެސް މާލަމުގައި ތިއްބެވިއެވެ. އަދި ހަންގޭރީ އާއި ޗެކް ރިޕަބްލިކް ފަދަ މެދުތެރެއާއި އިރުމަތީ ޔޫރަޕުގެ ބައެއް ގައުމުތަކާއި، އޭޝިއާ އަދި ޕެސިފިކްގެ ކުދި ޖަޒީރާ ބައެއް ގައުމުތަކުގެ މަންދޫބުންނާއި އިސްރާއީލުގެ އާއިލާތަކާއި މަންދޫބުން ކުރީ ސަފުގައި ތިއްބެވިއެވެ.

ނަތަންޔާހޫގެ ތަގުރީރާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝް އަދި އދ. ގެ އިސް މަންދޫބުން ވިދާޅުވީ، އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރުމުން ދާއިމީ ރައްކާތެރިކަމެއް ނުލިބޭނެ ކަމަށެވެ. ޣައްޒާ އާއި ލުބްނާންގައި އާންމުން އުފުލަމުންދާ އަނިޔާތަކަށް އަލިއަޅުއްވާލައްވައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި، ރަހީނުން މިނިވަންކުރުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ގުޓެރޭޝް ވަނީ ގޮވާލައްވާފައެވެ. މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންވެސް ވަނީ އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކާއި ނަތަންޔާހޫގެ ތަގުރީރު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ނަތަންޔާހޫގެ ތަސައްވުރު ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެލުމާ ދެކޮޅުހައްދަވައި އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ. ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އަލް-އުރުދުޣާން ވަނީ އިސްރާއީލުން "އިންސާނީ ނަސްލު ނައްތާލުމުގެ ވިސްނުމެއް" ގެންގުޅޭ ކަމަށް ތުހުމަތުކުރައްވައި، ބައިނަލްއަގުވާމީ ފަރާތްތަކުން ވަގުތުން ޣައްޒާ އަށް ވަދެ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތައް ކަމަށްވާ ސްޕޭން، އަޔަރލޭންޑް އަދި ސުލޮވީނިއާއިން ސިވިލް އާންމުންނަށް ލިބެމުންދާ ގެއްލުންތަކަށް ފާޑުކިޔައި، ސުލްހަ ގާއިމުކުރެވޭނީ ދެ ދައުލަތުގެ ހައްލަކުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެމެރިކާއިން ވަނީ ހަމާސް، ހިޒްބުއްލާ އަދި އީރާނުގެ ނުފޫޒުތަކާ ދެކޮޅަށް ދިފާއުވުމުގެ ހައްގު އިސްރާއީލަށް އޮތް ކަމަށް ބުނެ، ރަހީނުން މިނިވަންކުރުމަށް ޑިޕްލޮމެޓިކް މަގުތައް އިޚްތިޔާރުކުރުމަށް ގޮވާލާފައެވެ.

ނަތަންޔާހޫ އާންމު މަޖިލީހުގައި ތަގުރީރު ކުރިއިރު، ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) ގައި މައްސަލަތައް ހިނގަމުންދާއިރު، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައެވެ. މި ކަންކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގްލޯބަލް ސައުތުގެ ގައުމުތަކުން ވަނީ ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އެދިފައެވެ.