ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހި، ރާއްޖެއަކީ އިންވެސްޓަރުން އިތުބާރުކުރާ ޤައުމަކަށް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ، ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެންނެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހެޔޮ ބަދަލެއް ގެނުވާނެ ކާމިޔާބު މަޝްރޫޢަކަށް ވާނެ ކަމަށް މީސް މީޑިއާގައި ކުރަށްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވިއެވެ.
ޝުޖާއުގެ ޕޯސްޓްގައި ވިދާޅުވީ، ދިވެހި އިޤްތިޞާދު ނަގާކޮޅަށް ޖަހައި، ދިވެހިރާއްޖެއަކީ އިންވެސްޓަރުން އިތުބާރުކުރާ، ފަހި ފުރުޞަތުތަކެއް އޮތް، ސުލްހަވެރި، އަމާން އަދި ރައްކާތެރިކަން ކަށަވަރު ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަނީ އިޚްލާސްތެރި މަސައްކަތްޕުޅެއްކަމަށެވެ.
މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، މިއީ އެތައް ދިވެހީންނަކަށް ވަޒީފާގެ ފަހި ފުރުޞަތުތައް ލިބިގެންދާނެ މަޝްރޫޢެއް ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުވެގެންދާނެ މަޝްރޫޢެއްކަން ޔަޤީންވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއަދު ސޮއިކުރެވުނު މުހިންމު އެއްބަސްވުމާއެކު، ރާއްޖޭގެ އިޤްތިޞާދީ މައިދާނަށް ބޮޑު ހެޔޮ ބަދަލެއް އައިސް، އިޤްތިޞާދު ނަގާކޮޅަށް ޖެހިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަން ޝުޖާއު ވަނީ ތަކުރާރު ކުރައްވާފައެވެ.
ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ މެހެމާންދާރީގެ ޚިދުމަތްތަކާއި، ފެންވަރު މަތީ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި، ވޯޓަރފްރަންޓް މެރީނާއާއި، ވިޔަފާރިއާއި ކެއިންބުއިމުގެ އިތުރުން މުނިފޫހިފިލުވުމާއި، ތަޢުލީމީ، ޞިއްޙީ އަދި އިޖުތިމާޢީ އެކި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެއެވެ.
މި މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުޙަބާ ކިޔައި، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޔޫއެސް ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބި، ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!