އިޔާދަ ކުރެވޭނެ ހަކަތަ ނުވަތަ އަވިން ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް ބޭނުން ކުރުމާ ބެހޭގޮތުން ހދ. މަކުނުދޫ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސެޝަނަކީ އެއޯން އެނަރޖީއާއި މަކުނުދޫ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ ސެޝަނެކެވެ.

Ad
rt

22 ސެޕްޓެމްބަރ 2026ވާ އަންގާރަ (މާދަމާ)ގެ މެންދުރުފަހު 13:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަން އޮންނާނީ އެ ރަށު ކާނިމާލަމުގައެވެ. އަދި މި ސެޝަނުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހައި ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ.

މަކުނުދޫ ކަައުންސިލުން ބުނިގޮތުގައި މި ސެޝަނުގައި މައިގަނޑު ގޮތެއްގައި ކިޔައިދޭނީ، ހަކަތަ އުފެއްދުމުގައި އަމިއްލައަށް ބަރޯސާވާނެ ގޮތްތަކާއި، 24 ގަޑިއިރު ސޯލާ ހަކަތަ ބޭނުން ކުރެވޭނެ އިންތިޒާމުތަކާއި، ތިމާވެއްޓާއި ރައްޓެހި ގޮތުގައި ކަރަންޓުބިލު ކުޑަކުރެވޭނެ ގޮތްތަކެވެ.

މީގެއިތުރުން އިންސްޓޯލްމަންޓް އުޞޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ ފުރުޞަތުތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

މަކުނުދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތަކީ، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރަށަށް އިންވެސްޓަރުން ހޯދައި، އެ ފަރާތްތައް މެދުވެރިކޮށް، ރައްޔިތުންނަށް މި ދާއިރާއިން ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު "ތިލަދުން"އަށް ވިދާޅުވީ، ރަށުގައި އަލަށް އިމާރާތްކޮށްފައިވާ ގިނަ ގެތަކަކަށް މައި ކޭބަލް ނޭޅި ހުރުމުގެ ސަބަބުން، މީހުން ދިރިއުޅެން ނުފެށިފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ނުހަނު ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

މި ޕްރޮގްރާމުގެ ސަބަބުން އެފަދަ ގޭބިސީތަކަށް ވެސް ހަކަތަ ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެ، މިވަގުތަށް ދިމާވެފައިވާ މި ދަތި މައްސަލައަށް ދާއިމީ އަދި ލުއި ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވަޙީދު ވިދާޅުވިއެވެ.

މި ސެޝަނަށްފަހު، މި ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވެސް ކައުންސިލުން މި ނޫހަށް ހިއްސާކޮއްފައިވެއެވެ.