އެމެރިކާއާއި އިސްރާއީލާއެކު އޮތް މަޝްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ދުނިޔެއަށް މީގެ ކުރިން ފެނިފައިނުވާ ފަދަ އާ ހަތިޔާރުތަކެއް އުފައްދާފައިވާ ކަމަށާއި، އަސްކަރީ ކުރިމަތިލުމެއް އަތުވެއްޖެނަމަ ކުރިން ނުފެންނަ ފަދަ ބޮޑު ރައްދެއް ދޭނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތައް މެދުވެރިކޮށް އެ ގައުމުގެ އަސްކަރިއްޔާއިން މިކަން ހާމަކޮށްފައިވަނީ ސަރަހައްދީ މަޝްރަހު އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ތަރުޖަމާނު ހުސައިން މުހިއްބީ ވިދާޅުވީ، ކުރިއަށް އޮތް ހަނގުރާމައިގެ މައިދާނަށް "ދުނިޔެ ސިއްސައިގެންދާވަރުގެ" އާ ގާބިލުކަންކަން އެކުލެވޭ ހަތިޔާރުތައް ނެރެން ރާވަމުންދާ ކަމަށެވެ. އަދި މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި އަސްކަރީ އުކުޅުތަކާއި ހަނގުރާމައިގެ ތަކުތީކުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ރެޒާ ތަލާއީ-ނިކް މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ގައުމުގެ މުހިންމު ދިފާއީ ދާއިރާތަކުން އަސްކަރީ އުފެއްދުންތައް އުފައްދާ މިންވަރު މިހާރު ވަނީ ދެގުނައަށްވުރެ އިތުރުކޮށްފައެވެ. އަދި ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރަށް ހުރި "ޓެކްނިކަލް އަދި ޓެކްޓިކަލް ސަޕްރައިޒްތައް" ނުވަތަ ހައިރާންކުރުވަނިވި އުކުޅުތަކާއި ވަސީލަތްތައް ހުރި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އައިއާރުޖީސީން ވަނީ ކުރިއަށް އޮތް އަސްކަރީ އޮޕަރޭޝަންތައް ކުރީގެ ހަނގުރާމައިގެ ސަރަހައްދީ އިމުގެ ތެރެއަށް އެކަނި މަހްދޫދު ނުވާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. މިއީ ސަރަހައްދީ އިތުރު އަމާޒުތަކަށާއި ކަނޑުގެ މުހިންމު މަގުތަކަށް އަމާޒުކޮށް ހަމަލާތައް ފުޅާކޮށްފާނެ ކަމުގެ އިޝާރާތެކެވެ. މީގެއިތުރުން، އެމެރިކާއާއި އޭގެ ބައިވެރިންގެ ކުރިން ހަމަލާދީފައިނުވާ އާ އަމާޒުތައް ފާހަގަކޮށް، އެ ތަންތަނުގެ ތަފްސީލުތައް އެކުލަވާލާފައިވާ ކަމަށްވެސް އީރާނުގެ އަސްކަރީ ވެރިން ވަނީ ވިދާޅުވެފައެވެ.

ތާރީޚީ ގޮތުން ބަލާއިރު އީރާނުގެ ދިފާއީ ސިޔާސަތު ބިނާވެފައިވަނީ ނަފްސާނީ ގޮތުން އިންޒާރު ދިނުން (ސައިކޮލޮޖިކަލް ސިގްނަލިންގ) އުކުޅުތަކާއި އަދި އެސިމެޓްރިކް އަސްކަރީ ގާބިލުކަމުގެ މައްޗަށެވެ. އީރާނުގެ އަތުގައި މިހާރުވެސް ބެލިސްޓިކް މިސައިލާއި، "ކާމިކާޒީ" ނުވަތަ އަމިއްލައަށް ގޮވައިގަންނަ ޑްރޯނާއި، ހައިޕަރސޯނިކް ޕްރޮޓޯޓައިޕްތަކުގެ އިތުރުން ކަނޑުމަތީގެ އުޅަނދުފަހަރަށް ހަމަލާދޭ ވަސީލަތްތަކުގެ ބޮޑު ބިންގަރާހެއް އެބައޮތެވެ.

އަސްކަރީ ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ދުނިޔެއަށް ނުފެންނަ ފަދަ އާ ހަތިޔާރުތަކެއް ހުރި ކަމަށް އީރާނުން ބުނާ ބުނުމަކީ ބޭރުގެ އަސްކަރީ ހަމަލާތަކާއި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރައްކާތެރިވުމަށް ދޭ އިންޒާރެކެވެ.