ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ވާދަކުރި ތިން ވަނަ މެޗުގައި ހަނި ގޮތަކަށް ބިސް ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެއްޖެއެވެ.

ރޭގެ މެޗުގައި ވެސް ދިއްދޫ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދިއްދޫގެ ތައުމީން ނޫހާއި، ޓެޓޭ ގިޑިއޯން، ހުސައިން ޒިމްޔާން، އާދަމް އާޒިމް ފަދަ ކުޅުންތެރިން އުފެއްދި ނުރައްކާތެރި ހަމަލާތަކާއެކު ވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

Ad
rt

ބުރު ސްޕޯޓްސްގެ އަތުގައި ނަސީބު ހިފީ ދިއްދޫގެ ތައުމީނަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކިފަހުންނެވެ. އެއިގެ ފަހުން މެޗުގެ 68 ވަނަ މިނިޓްގައި ބިސް ބުރުގެ ބާނަބާސް ފްރައިޑޭ އަކަންމިޑޫ ވަނީ ހިލޭ ޖެހުމަކުން ގޯލެއްޖަހައި ބިސް ބުރު މޮޅުކޮށްދީފައެވެ.

ދިއްދޫގެ ފުރަތަމަ މެޗުގައި ވަނީ 1-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް އަތުން ބަލިވީ ވާދަވެރިކުޅުމަކަށްފަހު 4-3 ލަނޑުންނެވެ.

ދިއްދޫގެ ހަތަރު ވަނަ މެޗު އޮންނާނީ އެރަށުގައެވެ. އޮކްޓޯބަރު 10ގައި ކުޅޭ މި މެޗުގައި އަމިއްލަ ފަސްގަނޑުގައި ދިއްދޫ ނުކުންނާނީ ނިއުރޭޑިންއަންޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. ދިއްދޫގެ ފަސް ވަނަ އަދި ހަވަނަ މެޗު ވެސް އޮންނާނީ ރަށުގައެވެ. މީގެ ތެރެއިން ފަސް ވަނަ މެޗުގައި އީގަލްސް އާއި ދެކޮޅަށް ނުކުންނާނީ އޮކްޓޯބަރު 16 ގައެވެ. ހަ ވަނަ މެޗުގައި ޓީސީ އާއި ދެކޮޅަށް ނުކުންނާނީ އޮކްޓޯބަރު 21 ގައެވެ.

ދިއްދޫގެ ހަތްވަނަ މެޗު ނޮވެމްބަރު 23 ގައި މާޒިޔާ އާއި ދެކޮޅަށް ކުޅޭނެއެވެ. އަށްވަނަ މެޗުގައި 27 ނޮވެމްބަރުގައި އޮޑި ސްޕޯޓްސް އާއި ދެކޮޅަށް ދިއްދޫ ނުކުންނައިރު، ލީގުގެ ފަހު މެޗުގައި ޑިސެމްބަރު 4 ގައި ނުކުންނާނީ ގައްދޫ އާއި ދެކޮޅަށެވެ. މީގެ ތެރެއިން މާޒިޔާ އާއި އޮޑި މެޗު ކުޅޭނީ ގަލޮޅު ދަނޑުގައެވެ. ގައްދޫ އާއި ކުޅޭނީ ދިއްދޫގައެވެ.

ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ. އަދި ދިވެހި ޕްރިމިއާ ލީގަށް އެޓީމު ކޮލިފައިވީ އަނެއް ތިން ރީޖަންގެ ޗެމްޕިއަނުން ބަލިކޮށް ރެކޯޑަކާއެކުއެވެ.