އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަންދުވަސް ފާހަގަކުރުމަށް އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް (އައިއައިއެމް) ޖަންމޫގައި ބޭއްވި ހަރަކާތަކަށް ނުދިޔަ ދަރިވަރުން ޖޫރިމަނާކުރަން އަންގައި ނޯޓިސް ފޮނުވި މައްސަލައެއްގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.
މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި މި ހަރަކާތުގައި ބައިވެރިނުވި ދަރިވަރުންގެ އަތުން 500 ރުޕީސްގެ ޖޫރިމަނާއެއް ނަގާނެ ކަމުގެ އިންޒާރު ދީފައިވަނީ އެ ތަނުގެ ސްޓޫޑެންޓްސް ކައުންސިލުން ނެރުނު އެންގުމެއްގައެވެ.
އައިއައިއެމް ޖަންމޫގެ ސްޓޫޑެންޓްސް ކައުންސިލުން ފޮނުވި ކަމަށް ބުނާ މި އެންގުމުގައިވާ ގޮތުން، "ދީޕަކް ލައިޓިން ސެރެމަނީ" ގެ ނަމުގައި ބޭއްވި ބައްތި ދިއްލުމުގެ ހަރަކާތަކީ ބައިވެރިވުން މަޖުބޫރު ހަރަކާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނިކޮށް، އެ ހަރަކާތަށް ހާޒިރުނުވި ދަރިވަރުން ވަނީ ގައިރުހާޒިރުކޮށްފައެވެ. އަދި އެ ދަރިވަރުން ހާޒިރުނުވި ސަބަބު ބަޔާންކޮށް ލިޔުމުން ޖަވާބުދާރީވުމަށް އަންގާފައިވާއިރު، ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ނުދީފިނަމަ 500 ރުޕީސްއިން ޖޫރިމަނާކުރާނެ ކަމަށް ބުނެފައިވެއެވެ.
އެ އެންގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ހާޒިރުނުވި ސަބަބެއްކަމަށް ހަމައެކަނި ބެލެވޭނީ ސިއްހީ ސަބަބުތަކެއް މެދުވެރިވި ނަމައެވެ. އަދި އެކަމަށްޓަކައި ކެމްޕަސްގެ "ސަންޖީވްނީ" ޑިސްޕެންސަރީން އެޑްމިޓްކުރަން ހާއްސަކޮށް ރެކޮމެންޑްކޮށް ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ އެންގުމުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ސިޔާސީ ބަހުސް ހޫނުވެގެން ދިޔައީ އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު އަދި ޖަންމޫ އެންޑް ކަޝްމީރުގެ އިންޗާޖު ސަޔަދު ނަސީރު ހުސައިން މި އެންގުމުގެ ކޮޕީއެއް ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރެއްވުމާ ގުޅިގެންނެވެ. ހުސައިން ވަނީ ސިޔާސީ ލީޑަރުންގެ އުފަންދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުން މަޖުބޫރުކުރަންޖެހޭ ސަބަބާމެދު ސުވާލު އުފައްދަވާފައެވެ. އަދި ތައުލީމީ އިދާރާތަކުން ކުރިއަރުވަންޖެހޭނީ އަމިއްލައަށް މިނިވަންކަމާއެކު ވިސްނުމުގެ ގާބިލުކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އައިއައިއެމް ޖަންމޫގެ އެކެޑެމިކް ބްލޮކްގެ މައި ރިސެޕްޝަންގައި ބޭއްވި މި ބައްދަލުވުމަކީ ބޮޑުވަޒީރު މޯދީގެ އުފަންދުވަސް ފާހަގަކުރުމަށާއި، 2047 ވަނަ އަހަރަށް "ވިކްސިޓް ބާރަތު" ބިނާކުރުމުގެ އަމާޒަށް އިންޑިއާއިން ކުރަމުންދާ ދަތުރާމެދު ވާހަކަދައްކަން ބޭއްވި ހަރަކާތެއް ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އައިއައިއެމް ޖަންމޫއިން ވަނީ އެއްވެސް ދަރިވަރަކު ހަގީގަތުގައި ޖޫރިމަނާކޮށްފައި ނުވާ ކަމަށް ބުނެފައެވެ. އެ އިންސްޓިޓިއުޓްގެ ރަސްމީ ތަރުޖަމާނު ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދެމުން ބުނީ "އެއްވެސް ދަރިވަރަކު ޖޫރިމަނާއެއް ކޮށްފައި ނުވާ" ކަމަށާއި، މި މައްސަލަ އޮޅުވާލައިގެން ސިޔާސީ ކޮށްފައިވާ ކަމަށެވެ. އަދި ކެމްޕަސްގައި ބާއްވާ އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރުވުމަކީ ދަރިވަރުންގެ އާންމު ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް އިންސްޓިޓިއުޓުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!