ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް އެމަނިކުފާނުގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ސެޕްޓެމްބަރު 27 ގައި ބާއްވަން ނިންމާފައިވާ ބޮޑު މުޒާހަރާގެ އެއް ހަފުތާ ކުރިން، އިމްރާންގެ ކޮއްކޯފުޅު އަލީމާ ޚާން ޕާކިސްތާނުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އަލީމާ ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހު، ޕަންޖާބު ޕްރޮވިންސްގެ ވެރިރަށް ލާހޯރުގައި ހުންނަ އޭނާގެ ދިރިއުޅުއްވާ ގޭގެ ތެރެއިންނެވެ.
އަލީމާ ޚާން ހައްޔަރުކުރިކަން ލާހޯރުގެ ފުލުހުންގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް، ލާހޯރުގެ ޑެޕިއުޓީ ކޮމިޝަނަރު ނެރުއްވި އަމުރެއްގައިވާ ގޮތުން، އަލީމާ 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން އަންގާފައިވަނީ ޕަންޖާބުގެ މެއިންޓެނަންސް އޮފް ޕަބްލިކް އޯޑަރު (އެމްޕީއޯ) ގާނޫނުގެ ދަށުންނެވެ. މި ގާނޫނަކީ އާންމު މަސްލަހަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ބަންދުކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ދޭ ގާނޫނެކެވެ.
އަލީމާގެ ގާނޫނީ ވަކީލު ރާނާ މުދައްސިރު އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލީމާ ޑްރައިވަރާއެކު ގެއިން ނުކުމެވަޑައިގަންނަވަނިކޮށް ފުލުހުން އޭނާ ޣައިރުގާނޫނީކޮށް ހައްޔަރުކޮށް، ނޭނގޭ ތަނަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ލާހޯރުގައި އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލަތަކުގައި ކޯޓުން ކަފާލާތު ދީފައިވާކަން ފާހަގަކުރައްވަމުން ވަކީލު ވިދާޅުވީ، އަލީމާ ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި ބަންދުކޮށްފައިވަނީ ކޮން ތަނެއްގައި ކަމެއްވެސް އެނގިފައިނުވާ ކަމަށެވެ. މި ހައްޔަރާ ގުޅޭގޮތުން ޕާކިސްތާނު ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަލީމާ ހައްޔަރުކުރުމާއި ގުޅިގެން އިމްރާންޚާންގެ ޕީޓީއައި އިން ވަނީ އޭނާ ވަގުތުން މިނިވަންކުރުމަށް ގޮވާލައި، އެއީ ޣައިރުގާނޫނީ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
"މިއީ ގާނޫނެއް ނޫން. މިއީ ޣައިރުގާނޫނީ ހައްޔަރެއް. މިއީ ފިނޑި އަމަލެއް އަދި މަސްލަހަތު ގޯސްކުރުމަށް ގަސްދުގައި ކުރި ކަމެއް،" ޕީޓީއައިގެ ތަރުޖަމާނު ޝެއިޚް ވަގާސް އަކްރަމް އެކްސްގައި ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އުމުރުން 70 އަހަރުން މަތީގެ އަލީމާ ހައްޔަރުކުރީ، އޭނާގެ ބޭބޭފުޅު އިމްރާން ޚާން ޣައިރުގާނޫނީކޮށް އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓުމާއި ސިއްހީ ފަރުވާ މަނާކުރުމާ ދެކޮޅަށް އަޑުއުފުއްލެވުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހުސިން ނަގްވީ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، ޕީޓީއައި އިން ބާއްވަން އުޅޭ މުޒާހަރާ ހުއްޓުވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
އުމުރުފުޅުން 73 އަހަރުގެ އިމްރާން ޚާން 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައި ކުރެވިފައިވާ ހުކުމްތަކެއްގެ ދަށުން ކަމަށް އޭނާގެ ޕާޓީން ބުނެއެވެ. އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކުގެ ތެރެއިން އެކި އިސްތިއުނާފުތަކުން ގިނަ ހުކުމްތަކެއް ސަސްޕެންޑްކޮށް ނުވަތަ ބާތިލްކޮށްފައިވާއިރު، މިހާރު ދެމިއޮތީ އެންމެ ހުކުމެކެވެ.
އިމްރާން ޚާން މިނިވަންކުރުމަށް ޕީޓީއައި އިން ކުރާ މަސައްކަތް ވަރުގަދަކޮށްފައިވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް، އެމަނިކުފާނުގެ ކަނާތްޕުޅަށް ޚާއްޞަ ފަރުވާ ބޭނުންވެފައިވާއިރު، އިމްރާންގެ ދަރިކަލުން ސުލައިމާން އަދި ގާސިމް ޚާން ވަނީ އެމަނިކުފާނު ނުހަނު ކަންބޮޑުވެ، ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިމްރާން އިސްލާމްއާބާދުގައި ހުންނަ އަމިއްލަ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް، ކަމާބެހޭ ފަރާތްތަކުން އެމަނިކުފާނު ގެންދެވީ ސަރުކާރުގެ ޕީއައިއެމްއެސް ހޮސްޕިޓަލަށް ކުރު ބަލައިލުމަކަށްފަހު އަނބުރާ ޖަލަށެވެ. އަދި އަމިއްލަ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ނުދިނުމަކީ ކޯޓު އަމުރާ ހިލާފުވުމެއް ކަމަށް ޕީޓީއައި އިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!