މާލޭގެ ސަބުނަމް މަގުގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ސަބުނަމް މަގުގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 9:01 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 48 އަހަރާއި 33 އަހަރުގެ ދެ ދިވެހިންނަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

Ad
rt

މި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް، އެއިން އެއްވެސް މީހަކަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި އެނގިފައެއް ނުވެއެވެ.

މި މާރާމާރީގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާރާ މާރީ ހިންގި ބިދޭސީ މީހާ ހުރީ މަސްތުގެ ހާލަތުގައެވެ. މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ބިދޭސީ މީހާގެ ގައިގައިވެސް ލޭ ހޭކިފައި ހުއްޓެވެ. އަދި އެމީހާ ހަމަލާ ދީފައިވަނީ ވަޅިއަކުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ދިވެހިރާއްޖޭގައި ބިދޭސީންގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ވައްކަމަކީ އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮތުން ޤައުމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުންތަކެކެވެ. މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ސައްހަ ވިސާއެއް ނެތި އުޅޭ މީހުންނާއި ފިލައިގެން އުޅޭ މީހުން ހިމެނޭހެން، ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރުތަކުގައި ބިދޭސީން ބައިވެރިވާ ޖިނާއީ ކުށްތައް ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ޚާއްޞަކޮށް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބިދޭސީން އަރައިގަންނަ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.