ބުދަ ދުވަހުގެ ރޭ ކުޅުނު ކަމްޕިއޯނެސް ކަޕްގެ ފައިނަލް މެޗުގައި މެކްސިކޯގެ ކްރޫޒް އަޒޫލް 2-0 އިން ބަލިކޮށް، އިންޓަ މިއާމީއިން އެ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މި މެޗުގައި އިންޓަ މިއާމީއަށް ކުޅެދިން 115 މެޗުން ލިއޮނެލް މެސީ ވަނީ އެ ކްލަބަށް އޭނާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑު ޖަހައި ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މިއާމީގެ ދެވަނަ ލަނޑު ޖަހައިދިނީ ކަސެމީރޯއެވެ.
މެޗުގެ 24 ވަނަ މިނެޓުގައި މިއާމީއަށް ލީޑު ނަގައިދިން ލަނޑު މެސީ ކާމިޔާބުކުރީ ލުއިސް ސުއާރޭޒް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އެކި މުބާރާތްތަކުގައި މިއާމީގެ ޖާޒީގައި ކުޅުނު 115 މެޗުން މެސީ ކާމިޔާބުކުރި 100 ވަނަ ލަނޑާއެކު އޭނާ ވަނީ އެ ކްލަބުގެ ތާރީޚުގައި ވެސް މުހިންމު ރެކޯޑެއް ގާއިމުކޮށްފައެވެ.
މެސީ އިންޓަ މިއާމީއަށް އޭނާގެ 100 ވަނަ ލަނޑު ޖެހި މެޗަކީ، އެ ކްލަބަށް އޭނާ އެންމެ ފުރަތަމަ ލަނޑު ޖަހައިދިން ކްލަބާ ދެކޮޅަށް ކުޅުނު މެޗުކަން ފާހަގަކޮށްލެވެއެވެ. ޖުލައި 2023 ގައި އިންޓަ މިއާމީއަށް ކުޅެދިން ފުރަތަމަ މެޗުގައި، މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން މެސީ ވަނީ ކްރޫޒް އަޒޫލް 2-1 އިން ބަލިކުރި މެޗުގައި އެ ކްލަބަށް އޭނާގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ.
އިންޓަ މިއާމީގެ ދެވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެސީ ނަގައިދިން ކޯނަރަކުން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ކަސެމީރޯ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. ސީއެފް މޮންޓްރިއާލް، އެޓްލާންޓާ ޔުނައިޓެޑް އަދި ޗިކާގޯއާ ދެކޮޅަށް ކުޅުނު ޖެހިޖެހިގެން ތިން މެޗުގައި ލަނޑުޖެހުމަށްފަހު، ހޮނިހިރު ދުވަހު ނޭޝްވިލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ލަނޑެއް ނުޖެހުނު ނަމަވެސް، ފަހުން ޖެހި ހަތަރު ލަނޑަކީވެސް ބޮލުން ޖެހި ލަނޑުތަކެވެ.
މި ކާމިޔާބީއާއެކު، މެސީ އިންޓަ މިއާމީއާ ގުޅުނުތާ ތިން އަހަރުގެ ތެރޭގައި އެ ކްލަބުން ވަނީ އިތުރު ތަށްޓެއް އުފުލާލާފައެވެ. މެސީ އެ ކްލަބާ ގުޅުނު ފަހުން މިއާމީއިން ވަނީ 2023 ވަނަ އަހަރުގެ ލީގްސް ކަޕާއި، 2024 ވަނަ އަހަރުގެ ސަޕޯޓާސް ޝީލްޑް އަދި 2025 ވަނަ އަހަރުގެ އެމްއެލްއެސް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.
އިންޓަ މިއާމީއަށް ދެން އެންމެ އަވަހަށް އޮތީ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ މެޗެކެވެ. އަންނަ އާދީއްތަ ދުވަހު ނޫ ސްޓޭޑިއަމްގައި ކުޅޭ މި މެޗުގައި މިއާމީ ނުކުންނާނީ ސަން ޑިއޭގޯ އެފްސީއާ ދެކޮޅަށެވެ. މިއާމީ މިވަގުތު އޮތީ އެމްއެލްއެސްގެ އީސްޓަން ކޮންފަރެންސް ތާވަލުގެ ދެވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!