އެޕަލް ކުންފުނިން އެންމެ ފަހުން ތަޢާރަފުކުރި އައިފޯން 18 ޕްރޯ މޮޑެލްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސްގެ "މޫލީ" މެދުވެރިކޮށް 18 ސެޕްޓެމްބަރު 2026 ގެ މެންދަމު 00:00 ގައި ހުޅުވާލަން ނިންމައިފިއެވެ.

އުރީދޫއިން ވަނީ މި ފޯނުތައް އެންމެ ފުރަތަމަ ހޯދާ ފަރާތްތަކުގެ ތެރޭގައި ހިމެނުމަށް ތައްޔާރުވުމަށް ދިވެހިންގެ ކިބައިން އެދިފައެވެ.

Ad
rt

މި ފޯނުތައް ތަޢާރަފުކޮށްފައިވަނީ ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް މަގާމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ފޯލް އިވެންޓުގައެވެ. "ސަޕްރައިޒް އެންޑް ސަންޝައިން" ގެ ނަމުގައި ބޭއްވި މި އިވެންޓުގައި އެ ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ފޯނު "އައިފޯން ޑިއޯ" އާއި އައިފޯން 18 ޕްރޯ ސީރީޒްގެ އިތުރުން އާ އެޕަލް ވޮޗް އަދި އެއާޕޮޑްސް ވަނީ ތަޢާރަފުކޮށްފައެވެ. އަދި މި އިވެންޓުގައި އެޕަލްއިން ވަނީ ސޮފްޓްވެއާއާއި ހާޑްވެއާއަށް ގެނެސްފައިވާ ގިނަ ބަދަލުތަކެއް އާންމުންނަށް ދައްކާލާފައެވެ.

އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ކުރީގެ މޮޑެލްތަކުގެ ޑިޒައިނަށް ހުރި ނަމަވެސް، މި ސީރީޒްއަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ކެމެރާ ސިސްޓަމެވެ. އެގޮތުން، ހަ ކުދި ބްލޭޑް ބޭނުންކޮށްގެން އެޕަޗާ ބަދަލުކުރެވޭ 48 މެގާޕިކްސެލްގެ ސެންސަރެއް ހިމަނާފައިވާތީ، އަލި މަޑު ތަންތަނުގައި ނަގާ ފޮޓޯތަކުގެ ފެންވަރު ރަނގަޅުވެ، ފޮޓޯ ނަގާ ސްޕީޑް އަވަސްވެގެންދާނެއެވެ. އަދި ޑޮލްބީ އެޗްޑީއާރު ވިޜަންގައި 4ކޭ ވީޑިއޯ ރެކޯޑްކުރުމުގެ ގާބިލުކަންވެސް މި ފޯނުތަކުގައި ހިމެނެއެވެ.

މި ފޯނުތަކުގެ އަގުތަކަށް ބަލާއިރު، އައިފޯން 18 ޕްރޯގެ އަގު 1،199 ޑޮލަރުން ފެށޭއިރު، ޕްރޯ މެކްސްގެ އަގު ފެށެނީ 1،299 ޑޮލަރާއެކުއެވެ. މިއީ މިދިޔަ އަހަރުގެ މޮޑެލްތަކަށްވުރެ 100 ޑޮލަރު ބޮޑު އަގެކެވެ. އެޕަލްއިން ބުނި ގޮތުގައި މި ފޯނުތަކަށް ހޮނިހިރު ދުވަހު އޯޑަރު ކުރެވޭނެއެވެ.

މި އިވެންޓުގައި ތަޢާރަފުކުރި އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯނު "އައިފޯން ޑިއޯ" އަކީ އައިޕެޑްގެ ފަރުމާއަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފޯނެކެވެ. މި ފޯނު ނިއުޅާލުމުން 7.6 އިންޗީގެ ރެޓިނާ ޑިސްޕްލޭއެއް އޮންނައިރު، ބޭރު ޑިސްޕްލޭގައި ހުންނަނީ 5.4 އިންޗިއެވެ. އަދި އެތެރޭގެ ޑިސްޕްލޭގައި "އަންޑާ-ޑިސްޕްލޭ" ކެމެރާއެއް ހަރުކޮށްފައިވާއިރު، މި ފޯނު ހަދާފައިވަނީ ގްރޭޑް 5 ގެ އެލުވިނިއަމްއާއި 100 އަށްވުރެ ގިނަ ޚާއްޞަ ބައިތައް ބޭނުންކޮށްގެންނެވެ.

އައިފޯން ޑިއޯގައި 48 މެގާޕިކްސެލްގެ ފިއުޝަން މެއިން ކެމެރާއަކާއި 48 މެގާޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެއް ހިމެނެއެވެ. އެތެރޭގެ ޑިސްޕްލޭއިން 31 ގަޑިއިރާއި ބޭރު ޑިސްޕްލޭއިން 44 ގަޑިއިރުގެ ވީޑިއޯ ޕްލޭބެކް ލިބޭ މި ފޯނުގެ 256 ޖީބީ މޮޑެލްގެ އަގު ފެށެނީ 1،999 ޑޮލަރާއެކު ދެ ކުލައަކުންނެވެ. މި ފޯނަށް އޯޑަރުކުރުން އޮކްޓޯބަރު 16 ގައި ހުޅުވާލާއިރު، އޮކްޓޯބަރު 23 ގައި ވިއްކަން ފަށާނެ ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.