ޤައުމީ އެއާލައިން، މޯލްޑިވިއަނުން މާލެއާއި ދ. ކުޑަހުވަދުއާ ދެމެދު ޝެޑިއުލް ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ޚާއްޞަ ޕްރޮމޯޝަނެއްގެ ދަށުން ފެށި، މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،111 ރުފިޔާއެވެ. މި އައު ދަތުރުތައް އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްޞަ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ބަހައްޓާފައެވެ.

Ad
rt

މޯލްޑިވިއަނުން ބުނި ގޮތުގައި، މާލެ ސަރަހައްދާއި ކުޑަހުވަދުއާ ދެމެދު މި ދަތުރުތައް ފެށީ ދ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުންނެވެ. މީގެ ސަބަބުން ތަޢުލީމީ، ޞިއްޙީ އަދި ވަޒީފާގެ އެކި ބޭނުންތަކަށް ދަތުރުކުރާ އާންމު ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ފާހަގަކޮއްފައިވެއެވެ.

މަންތާއެއާއިން ހިންގާ، ކުޑަހުވަދޫ އެއާޕޯޓަކީ، އެ އެއާލައިންގެ މައި ހަބެވެ. ނަމަވެސް މަންތާއެއާއިން ޑޮމެސްޓިކް ދަތުރުތައް މަދުކުރުމާ ގުޅިގެން، އެ އެއާލައިނުން އެދިގެން، ކުޑަހުވަދޫއަށް ޗާޓަރު ފްލައިޓްތައް އޮޕަރޭޓްކުރަމުން ދަނީ ޤައުމީ އެއާލައިން، މޯލްޑިވިއަނުންނެވެ.
ކުޑަހުވަދޫ އެއާޕޯޓަކީ ދ. އަތޮޅުގެ މަތީ ފަންތީގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމަށާއި، ވެރިރަށް މާލެއާއި އެ އަތޮޅުގެ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ އެއާޕޯޓެކެވެ.

މި ދަތުރުތަކާއެކު، މިހާރު ރާއްޖޭގެ 18 އެއާޕޯޓަކަށް މޯލްޑިވިއަންއިން ޝެޑިއުލް ދަތުރުތައް ދަނީ ބާއްވަމުންނެވެ. މިއީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށް މޯލްޑިވިއަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި މުޙިއްމު ފިޔަވަޅެކެވެ.