ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ފަށައިފިއެވެ.
ގިނަ ޓީމުތަކެއް ވާދަކުރާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރޯނު އެފްސީ އަދި އިހްވާން އެފްސީ ބައްދަލު ކުރި އިރު، މި މެޗު، 1-11ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ރޯނު އެފްސީއެވެ. މި މެޗުގައި އެ ޓީމުގެ ޒިދާން އަޙްމަދު ވަނީ ހެޓްރިކް ހަދައި، 3 ލަނޑު ކާމިޔާބު ކޮއްދީފައެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދަ މެޗު ނުވަތަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޙާޞިލް ކުރީ، ރޯނު އެފްސީގެ ޖާޒީނަންބަރު 9 ޢަލީ ޙާފިޡް (ހާއްޕެ)އެވެ.
މާމަކުނުދޫ ފުޓްސަލް މުބާރާތް ފެށުން، ފޮޓޯ: މަކުނުދޫ ކައުންސިލް
ރާއްޖޭގެ ފުޓްސަލް ކިންގްގެ ގޮތުގައި މަޝްހޫރުވެފައިވާ، ހާއްޕެއަކީ، ދިވެހި ފުޓްސަލް ދަނޑުތަކުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ، ހުނަރުވެރި އަދި ތަޖުރިބާކާރު ކުޅުންތެރިއެކެވެ.
މުބާރާތުގެ ދެވަނައަށް ކުޅުނު އަންހެން ޑިވިޜަންގެ މެޗުގައި އިހްވާން ޖޫނިއަރގެ މައްޗަށް އިހްވާން އެސްސީން ވަނީ 10-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި އިހްވާން އެސްސީގެ ޖާޒީނަންބަރު 17 އަޒްލީނާ އިބްރާހީމް ވަނީ 4 ލަނޑު ޖަހައި، ޕޯކާއެއް ފުރިހަމަކޮއްފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ޙާޞިލްކޮއްފައި ވަނީ އަޒްލީނާއެވެ. މީގެއިތުރުން އެ ޓީމުގެ ފާޠިމަތު ޤުރައިޝާ ވަނީ 3 ލަނޑު ޖަހައި، ހެޓްރިކް ފުރިހަމަ ކޮއްފައެވެ.
މާމަކުނުދޫ ފުޓްސަލް މުބާރާތް ފެށުން، ފޮޓޯ: މަކުނުދޫ ކައުންސިލް
އިއްޔެ ތިންވަނައަށް ކުޅުނު ފިރިހެން ޑިވިޜަންގެ މެޗުގައި ބައްދަލުކުރީ ދަގަތަ އެސްސީ އަދި ޗެލެންޖަރސް އެސްސީއެވެ. މި މެޗް 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮއްފައި ވަނީ ދަގަތަ އެސްސީއެވެ. އަދި މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައި ވަނީ ގަދަތަ އެސްސީގެ ޖާޒީނަންބަރު 37 މުޙައްމަދު ޠޯހިރެވެ. މި މެޗުގައި ޗެލެންޖަރސް އެސްސީން ކާމިޔާބު ކުރި 2 ގޯލު ވެސް އެ ޓީމަށް ޖަހައިދީފައި ވަނީ ޢަބްދުﷲ ޒިޔާނެވެ.
މުބާރާތުގެ ހަތަރުވަނައަށް، އަންހެން ޑިވިޜަންގެ މެޗުގައި ބައްދަލުކުރީ ޒައިޒީ އަދި ރޯނު ކަނބަލުންނެވެ. މި މެޗުގައި ދެ ފަރާތުން ވެސް ހޫނު ހަލަމާތަކެއް އުފައްދާފައިވާއިރު، މެޗު ނިމިގެން ދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، ރޯނު ކަނބަލުންގެ ޖާޒީނަންބަރު 10 މަރިޔަމް ނޫރާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!